މީގެ 14 އަހަރު ކުރިން ހުޅުމާލޭގައި އެސްޓީއޯއިން އަޅަން ފަށައި މަސައްކަތް ހުއްޓިފައި ހުރި ސިޓީ ހޮޓެލް ތަރައްގީކޮށް އެ ތަން ހިންގަން ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރަން އެޗުޑީސީއިން މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެނގުން މުހިންމު - އެސްޓީއޯއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ފަސް ތަރީގެ ހޮޓަލެއް އަޅަން ފެށީ 2011ގަ އެވެ. ނުނިމި ދިގުލައިގެން ގޮސްފައިވާ އެ ތަން ވިއްކާލަން އެސްޓީއޯއިން މިހާތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.
މިދިޔަ ސަރުކާރުގައި 2023 ވަނަ އަހަރު އެސްޓީއޯއަށް ބަދަލު ލިބޭ ގޮތަށް އެ ހޮޓަލުގެ މިލްކުވެރިކަން އެޗުޑީސީއަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ އެވެ.
ތަފްސީލު - އެޗުޑީސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހޮޓަލުގެ މަސައްކަތް ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށްގެން އަލުން ފަށަނީ އެސްޓީއޯއާ އެކު ސެޓްލްމަންޓް އެއްބަސްވުމަކަށް ދިއުމަށް ފަހު ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމާ ބެހޭ އެއްވެސް ތަފްސީލެއް އެޗުޑީސީއިން ހާމައެއްނުކުރެ އެވެ.
އެ ތަން ތަރައްގީ ކުރަން ނިންމާފައިވަނީ ސަރުކާރުގެ ބޭނުމަށް ހާއްސަކުރާ އޮފީސް ބައެއް ހިމެނޭ ގޮތަށެވެ. އެގޮތުން:
ސަރުކާރުގެ ބޭނުމަށް 3.5 ފްލޯ ސްޕޭސްގެ ސަރަހައްދެއް ކަނޑައަޅާނެ
އެ ބައިގައި ތަރައްގީ ކުރާނީ މީޑިއާ ވިލެޖު، ޔޫތު ސެންޓަރު (އީ-ސްޕޯޓްސް)، ހެރިޓޭޖް ކޮލެޖު އަދި މެޑިކަލް ކޮލެޖު
މަސައްކަތް ފަށާތާ ހަތަރު މަހުގެ ތެރޭގައި އެ ތަންތަން ނިންމައި ހަވާލުކުރަން ވަނީ ހަމަޖެހިފައި
އިމާރާތުގެ ބާކީ ބައިގައި ތަރައްގީ ކުރާނީ 158 ކޮޓަރި ހުންނަ ފަސް ތަރީގެ ހޮޓަލެކެވެ. އެ ބައި ނިންމައި، އޮޕަރޭޝަނަށް ގެންނާނީ މަސައްކަތް ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގަ އެވެ.
'މެންހެޓަން ގްރޭންޑް ހޮޓެލް'ގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސްއިން އެ ހޮޓާ ހިންގާނީ %50 ފޮރިން އިންވެސްޓްމަންޓަކާ އެކީގަ އެވެ. އެޗުޑީސީއިން ބުނި ގޮތުގައި އެ މަޝްރޫއުއަށް އިންވެސްޓުކުރަން ހަމަޖެހިފައިވަނީ ޔޫއޭއީގެ ޑީޕް ސީފުޑް ކޮމްޕެނީ އިންނެވެ.
ނުނިމުނު އެސްޓީއޯ ސިޓީ ހޮޓެލްގެ މަސައްކަތް އެހެން ކުންފުންޏަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ