ވޯލްޑް ކަޕުން އޮސްޓްރޭލިއާ ޖާގަ ހޯދައިފި
މި އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްއިން އޮސްޓްރޭލިއާ ޖާގަހޯދައިފިއެވެ. މި މުބާރާތުން އޮސްޓްރޭލިއާ ޖާގަހޯދީ އޭޝިއާ ސަރަހައްދުގައި ކުޅެމުންދާ ކޮލިފައިން ގްރޫޕް ސީގެ ދެވަނަ މަގާމް ކަށަވަރުކޮށް މިސަރަހައްދުން ވޯލްޑް ކަޕަށް ކޮލިފައިވި ހަ ވަނަ ޓީމުގެ ގޮތުގައެވެ. އޮސްޓްރޭލިއާއިން ވަނީ ގްރޫޕް ސީގެ ފަހު މެޗުގައި ސައުދީ އަރަބިއާއާ ބައްދަލުކުރި މެޗު ފަހަތުން އަރައި ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައެވެ. މިމެޗު ފަސް ލަނޑުގެ ތަފާތުން ކާމިޔާބު ކުރިނަމަ ސައުދީ އަރަބިއާއަށްވެސް ވޯލްޑް ކަޕުން ޖާގަހޯދުމުގެ ފުރުސަތު އޮތެވެ. ސައުދީގައި ކުޅުނު މި މެޗުގެ ފުރަތަަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ޖަހައި ލީޑު ނަގާފައިވަނީ ސައުދީ އަރަބިއާއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުލް ރަހްމާން އަލޯބުދުއެވެ. ނަމަވެސް އޮސްޓްރޭލިއާއިންވަނީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކޯނޯ މެޓްކެލްފޭ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިން މިނެތް ފަހުން މިޗު ޑޫކް ކާމިޔާބު ކޮށްދިން ލަނޑުން މިމެޗުގެ ލީޑު އޮސްޓްރޭލިއާއިން ނެގިއެވެ. މި ކާމިޔާބީ އާއެކު އޮސްޓްރޭލިއާއަށް ގްރޫޕްގެ ދެވަނަ މަގާމް ކަށަވަރު ވެގެންދަނީ 10 މެޗުން ލިބިފައިވާ 19 ޕޮއިންޓާއެކުއެވެ. އޭޝިއާ ސަރަހައްދުން މިހާރުވެސް ވަނީ ޖަޕާން، އީރާން، އުޒްބެކިސްތާން، ދެކުނު ކޮރެއާ އަދި އުރުދުން ޖާގަހޯދާފައެވެ. މީގެ ތެރެއިން އުޒްބެކިސްތާން އާއި އުރުދުން ވާރލްޑް ކަޕުން ޖާގަހޯދި މިއީ ފުރަތަމަ ފަހަރެވެ. ރޭގެ މެޗުން ބަލިވި ނަމަވެސް ސައުދީ އަރަބިއާއަށް އަދިވެސް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ފުރުސަތު އެބައޮތެވެ. މިގޮތުން އޭޝިއާ ކޮލިފައިން ތިން ވަނަ ބުރުގައި ހިމެނޭ ތިން ގްރޫޕުން ތިންވަނަ އަދި ހަތަރު ވަނައަށް ދިޔަ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލާ ކުޅެވޭ ހަތަރު ވަނަ ބުރުގެ މެޗުތަކަށްފަހު ކޮންމެ ގްރޫޕަކުން އެއްވަނަ އަށް ދާ ދެޓީމަށް ވާރލް ކަމުން ޖާގަލިބިގެންދާނެއެވެ. މި ހަ ޓީމުގެ ގޮތުގައި ހިމެނިފައިވަނީ ސައުދީ އަރަބިއާގެ އިތުރުން ޔޫއޭއީ، ޤަތަރު، އިރާގް، އޮމާން އަދި އިންޑޮނޭޝިއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ