ދެކުނަށް ހުޅަނގު މޫސުން ފެށިއްޖެ؛ ދެނެގަންނާނެ ގޮތް މިއޮތީ

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިއްޔެ ހުޅަނގު މޫސުން ފެށިފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މެޓު އޮފީހުން ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން ދެމިގެންދަނީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީއިން މާޗުގެ ނިޔަލަށް ކަމަށާއި މެއިއިން ފެށިގެން ނޮވެމްބަރުގެ ނިޔަލަށް އޮންނާނީ ހުޅަނގު މޫސުން ކަމަށެވެ.
ބުނީ ކީކޭ؟ - މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ އަސަރުތައް އާންމުކޮށް މެއި މަހުގެ ފުރަތަމަ ނުވަތަ ދެ ވަނަ ހަފްތާގައި ދެކުނުގެ އަތޮޅުތަކަށް ފަށާ ކަމަށެވެ.
އޭގެ ފަހުން މި މޫސުމުގެ އަސަރު މެދުރާއްޖެތެރެއަށް ފޯރައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެންދާ ކަމަށް އެ އޮފީހުން ބުނެ އެވެ.
ވާރޭ: ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އިތުރަށް ވާރޭ ވެހުން
ވައި: ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ޖެހުން
މި ދެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ގޮސްފިނަމަ މެޓުން ބަލާނީ ހުޅަނގު މޫސުން ފެށުނީ ކަމަށެވެ.
ތަފްސީލު - ފާއިތުވެދިޔަ 24 އަހަރުގެ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއާއި ދެކުނަށް ހުޅަނގު މޫސުން ފެށުނު ދުވަސްތައް ފާހަގަކޮށްފައިވާ ޗާޓެއް ވެސް މެޓް އޮފީހުން ވަނީ ހިއްސާކޮށްފަ އެވެ.
އެ ޗާޓުން ފާހަގަވި ބައެއް ކަންތައްތައް:
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެއްފަހަރާ ހުޅަނގު މޫސުން ފެށީ 2001 އާއި 2018 ގައި އެކަނި
އެ އަހަރުތައް ފިޔަވައި ކޮންމެ އަހަރަކު ވެސް އެންމެ ލަހުން ހުޅަނގު މޫސުން ކުރިމަތިވަނީ އުތުރަށް
މެއި މަސް ހުސްވެ، ޖޫން މަހުގައި ވެސް އުތުރަށް ހުޅަނގު މޫސުން ފެށިފައި އެބަހުރި؛ އެއީ 2012 އާއި 2019 ގައި
ދެކުނަށް އެންމެ ލަހުން ހުޅަނގު މޫސުން ފެށި މީލާދީ ތާރީހަކީ 20 މެއި (އެއީ 2019 ގައި) އަދި އުތުރަށް ވެސް އެންމެ ލަހުން ހުޅަނގު މޫސުން ފެށީ ހަމަ އެ އަހަރު (އެއީ 25 މެއި)
ގުޅުންހުރި ކަމެއް - ދެކުނަށް ހުޅަނގު މޫސުން ފެށި، މެޓުން ބަލާ މިންގަނޑުތަކުން މެދުރާއްޖެތެރެއަށް ވެސް އެ މޫސުން ފޯރުން ކައިރިވެފައިވާއިރު، އިއްޔެ މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް ވެސް ނެރުނެވެ.
ފަހުން އެލާޓް ލެވެލް ބަދަލުކޮށް އެކި ފަހަރު މަތިން ވައިޓް އެލާޓް ނެރެފައިވާއިރު، އެންމެ ފަހުން މިއަދު މެންދުރު ނެރުނު ވައިޓް އެލާޓް ދެމިގެންދާނީ މިރޭ 7 ޖެހުމާ ހަމައަށެވެ. ޅ. އަތޮޅުން ވ. އަތޮޅާ ހަމައަށް ނެރުނު އެ އެލާޓުގައި ލަފާކޮށްފައިވަނީ ބޯކޮށް ވާރޭވެހުމާ އެކު ގުގުރައި، 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ