ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ފުލުހުންނާއި ސިފައިން ވެގެން ފެށި ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު މި ވަގުތަށް ކަންބޮޑުވުމެއް ނެތް ކަމަށް ބުނެ ފޮރިން މިނިސްޓްރީން މިއަދު ބަޔާނެއް ނެރެފި އެވެ.
ވީކިހިނެއް؟ - މާލެއިން ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއަކާއި ގަލޮޅު ދަނޑު ކައިރީގައި ހުރި ގެއަކަށް ފުލުހުން ވަދެ ރޭ ފާސްކުރި އެވެ. ފުލުހުން ރޭ ބުނި ގޮތުގައި:
ރޭ ތިން މީހަކު ވަނީ ހައްޔަރުކޮށްފައި
ބަލައި ފާސްކުރީ އެ މީހުންނާ ގުޅުން ހުރި ތަންތަން
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު އިނގިރޭސި ބަހުން ބަޔާނެއް ނެރުނީ، ރާއްޖެއަށް ޓޫރިސްޓުން އައުމުގައި ކަންބޮޑުވުމެއް ނެތްކަން އެންގުމުގެ ގޮތުންނެވެ.
ތަފްސީލް - ފޮރިން މިނިސްޓްރީން ބުނީ އެ އޮޕަރޭޝަންތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޓެލިޖެންސް ރިޕޯޓްތަކާ އެއްގޮތްވާ ގޮތުގެ މަތިން ދޭތެރެއަކުން ވަކި ރޫޓިންތަކެއްގައި ހިންގާ އޮޕަރޭޝަންތަކެއް ކަމަށެވެ.
"އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، މި ވަގުތަށް ކަންބޮޑުވުމެއް ނެތް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ދިރިއުޅޭ އެންމެންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން އަރުވާ ކަމަށެވެ.
ރާއްޖެއަކީ ރާއްޖޭގެ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ރައްކާތެރި، އަމާން އަދި ސުލްހަވެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް ޓަކައި، ނުރައްކާތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ ކަން މޮނިޓާކޮށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށް ބުންޏެވެ.
އެނގުން މުހިންމު - ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްގެ ތެރެއަށް ވަން ފުލުހުން ތިބީ މޫނު ނިވާކޮށްގެންނެވެ. އެގޭގެ ބިއްލޫރި ކުޑަދޮރަކުން އެެތެރެ ފެންނަ ބައެއް ފޮޓޯތައް 'ދައުރު'ގެ ރިޕޯޓަރު ނެގި އެވެ. ބައެއް ފޮޓޯތަކުން ފެންނަނީ ކަޅު ހެދުމެއްގައި މޫނު ނިވާކޮށް ހުރި އަންހެނަކު ފުލުހަކާ އަތުން މުއާމަލާތްކުރާ ތަނެވެ.
ގަލޮޅު ދަނޑު ކައިރީގައި ހުރި ގެއެއްގެ ތެރޭގައި ވެސް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ ގެ ހުންނަ ޝަބުނަމް މަގު އޮތީ ބަންދުކޮށްފަ އެވެ.
ގައުމީ ސަލާމަތުގެ އޮޕަރޭޝަން ކުރިއަށްދިޔައަސް ކަންބޮޑުވުމެއް ނެތް: ފޮރިން މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ