ހުކުރު ދުވަހެއްގައި ޢީދުއައުމުން ހުކުރު އެޅިދާނެތަ؟
حديث زيد بن أرقم رضي الله عنه أن معاوية بن أبي سفيان رضي الله عنه سأله: هل شهدت مع رسول الله صلى الله عليه وسلم عيدين اجتمعا في يوم واحد؟ قال: نعم، قال: كيف صنع؟ قال: صلى العيد ثم رخص في الجمعة، فقال: (من شاء أن يصلي فليصل). رواه أحمد وأبو داود والنسائي وابن ماجه والدارمي والحاكم في "المستدرك" وقال: هذا حديث صحيح الإسناد ولم يخرجاه، وله شاهد على شرط مسلم. ووافقه الذهبي، وقال النووي في "المجموع": إسناده جيد. ޒައިދު ބިންއަރްޤަމު އަރިހުގައި މުޢާވިޔަތު ބިންއަބީސުފިޔާން ސުވާލު ކުރެއްވިއެވެ. ދެޢީދު ބައްދަލުވުން، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލުކުރެއްވިގޮތް ބުނެދެއްވާށެވެ. ޒައިދު ބިންއަރްޤަމު ވިދާޅުވިއެވެ. ޢީދު ނަމާދު ކުރުމަށް ފަހު ހުކުރު ނަމާދު ލުއިކޮށް ދެއްވިއެވެ. އަދި, އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ނަމާދު ކުރަން ބޭނުން މީހަކު ނަމާދު ކުރާށެވެ އެބަހީ ހުކުރުނަމާދެވެ." މިރިވާޔަތުގެ އިތުރުން އެތައްރިވާޔަތެއް މިކަމުގައި ވާރިދުވެފައިވެއެވެ. މިހުރިހާ ރިވާޔަތްތަކަށް ރިޢާޔަތްކޮށް މި މައްސަލައާއި ޢިލްމުވެރިންގެ މެދުގައި ހަތަރު ރައުޔަކަށް ޚިޔާލު ތަފާތުވުން އުފެދިފައި ވެއެވެ. ފުރަތަމަ ރައުޔު: ޖުމްހޫރު ޢިލްމުވެރިން، މިބޭކަލުން ވިދާޅުވާގޮތުން ޢީދުނަމާދު ކުރިކަމުގައިވިޔަސް ހުކުރުނަމާދު ކުރަން ޖެހޭނެއެވެ. ޝަރުޢީ އުޒުރެއް ކުރިމަތި ވެގެން މެނުވީ ހުކުރުނަމާދު ދޫކޮށްލުން ހުއްދައެއް ނުވާނެއެވެ. ޝަރްޢީ އުޒުރުގެ މާނައަކީ ބައްޔެއް ނުވަތަ ދަތުރެއްގެ މަތީގައިވާ މީހުންނެވެ. މިއީ އަލްއިމާމު އަބޫޙަނީފާއާއި، އަލްއިމާމު މާލިކާއި،އަލްއިމާމު އައްޝާފިޢީ ފަދަ ބޭކަލުން ތަބާވެލައްވާ ރައުޔެވެ. އަލްއިމާމު އިބިންޢާބިދީން ވިދާޅުވަނީ: މިއީ މުސްލިމުންގެ ދެ ޢީދެވެ. ޢީދުނަމާދަކީ ސުންނަތެކެވެ. ހުކުރުނަމާދަކީ ވާޖިބެކެވެ. ސުންނަތްނަމާދެއް ކޮށްގެން ވާޖިބުނަމާދެއް ދޫކޮށްލުން ހުއްދައެއްނުވާނެއެވެ. އަލްއިމާމު ޢަބްދުލްވައްހާބު އަލްމާލިކީ އަދި އަލްއިމާމު އައްނަވަވީ ފަދަބޭކަލުން ވެސް ތަބާވެލައްވަނީ މި ރައުޔަށެވެ. އަލްއިމާމު އިބުންމުންޒިރުއާއި އަލްއިމާމު އިބުންޙަޒްމާއި، އަލްއިމާމު އިބުންޢަބްދުލްބައްރު ފަދަ މުޖްތަހިދު އިމާމުންފަދަ ގިނަބޭކަލުން ބުރަވެލައްވަނީ މި ބަސްްފުޅަށެވެ. ދެވަނަ ރައުޔު: އަލްއިމާމުމާލިކު ދެކެވަޑައިގަންނަވާ ގޮތުގައި ޢީދުނަމާދުކޮށްފައި، ހުކުރުނަމާދު ނުކޮށް ދޫކޮށްލުން ހުއްދަވާނީ، ޝަރްޢީ އުޒުރުވެރިންނަށެވެ. ޝަރުޢީ އުޒުރުވެރިންނަކީ ބަލިމީހުންނާއި ދަތުރުވެރިން ފަދަ ދުރު ސަރަހައްދުތަކުން ޢީދު ނަމާދަށް އަންނަ މީހުންނެވެ. އެހެންނަމަވެސް، އެ މީހުން މެންދުރުނަމާދު ކުރަންޖެހޭނެއެވެ. އަލްއިމާމު އައްޝާފިޢީގެ ރިވާޔަތެއްގައިވާގޮތުން، ދުރުހިސާބުތަކުން ޢީދުނަމާދަށް އަންނަ މީހުންނަށް ހުކުރު ވާޖިބެއް ނުވާނެއެވެ. އެއީ، ދަތުރުވެރިއެއްކަމުގައިވާތީއެވެ. ތިންވަނަ ރައުޔަކީ: އަލްއިމާމު އަޙްމަދު ވިދާޅުވަނީ، ޢީދުނަމާދު ކޮށްފައި، ހުކުރުނަމާދުގެ ބަދަލުގައި މެންދުރު ނަމާދު ކުރުމުން ރަގަޅުވާނެއެވެ. ހަތަރުވަނަ ރައުޔު: އަލްއިމާމު ޢަޠާ ވިދާޅުވަނީ ޢީދުނަމަދު ކޮށްފިނަމަ ހުކުރު އަދި މެންދުރުނަމާދު ވެސް ކުރާކަށް ނުޖެހޭނެއެވެ. އަލްއަމީރު އައްޞަންޢާނީ ފަދަ މުޖްތަހިދު އިމާމުން ވިދާޅުވަނީ : އިބުނުއައްޒުބައިރު ޢީދު ނަމާދު ކުރެއްވުމަށް ފަހު މެންދުރުނަމާދު ވެސް ނުކުރާކަމަށް ވާރިދުވެފައިވާ ރިވާޔަތަކީ ޞައްޙަ ރިވާޔަތެއްނޫނެވެ. އެއީ، މިކަމުގައި އިޙްތިމާލު އެކުލެވިގެންވާތީއެވެ. ފިޤްހު ޢިލްމުވެރިންގެ އަރިހުގައި ކަމެއްގައި އިޙްތިމާލު އޮވެއްޖެނަމަ އިސްތިދުލާލު ކުރުން ބާޠިލުވާނެއެވެ. އިޙްތިމާލަކީ އެކަލޭގެފާނުގެ ގޭގައި މެންދުރުނަމާދު ކުރެއްވުމެވެ. އަނެއް އިޙްތިމާލަކީ ހުކުރު ނަމާދު އަވަސް ކުރެއްވުމެވެ. މެންދުރުނަމާދަކީ ފަރުޟު އަޅުކަމެކެވެ. އެބޭކަލުން ފަރުޟުއަޅުކަމެއް ދޫކޮށްނުލާނެކަމީ ޔަޤީންވާ ކަމެކެވެ. ޢީދުނަމާދަކީ ސުންނަތެކެވެ. ސުންނަތް އަޅުކަމަކުން، ވާޖިބު އަޅުކަމެއް ނުކޮށް ދޫކޮށްލުމަކީ ހުއްދަވާނެ ކަމެއްނޫނެވެ. އަޞްލަކީ ހުކުރުނަމާދު ވާޖިބު ކަންމަތީ ދެމިއޮތުމެވެ. ހުކުރުދުވަހެއްގައި ޢީދުނަމާދު ކުރުމަށް ފަހު ހުކުރުނަމާދު ނުކޮށް ދޫކޮށްލުމަކީ ހުއްދަ ކަމެއްނޫނެވެ. އެއީ ޢީދުނަމާދަކީ ސުންނަތެކެވެ. ހުކުރުނަމާދަކީ ވާޖިބެކެވެ. ސުންނަތް އަޅުކަމަކުން ވާޖިބެއް ދޫކޮށްލަން ޖެހުމަކީ އިސްތިސްނާ ކުރެވޭނެ ހާލަތެއްނޫނެވެ. އިސްތިސްނާވާނީ ހަމައެކަނި ޝަރްޢުގައި ކަޑައަޅުއްވާފައިވާ ޙާލަތް ތަކެވެ. ހުކުރުނަމާދު ނުކޮށް ދޫކޮށްލުމަކީ ކީރިތި ޤުރްއާނާ މުޅިން ފުށޫ އަރާކަމެކެވެ. قوله تعالى: ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ﴾ [الجمعة: 9] މާނައަކީ: އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ކީރިތި ޤުރްއާނާއި މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޚިލާފުނުވާނެކަމީ ޔަޤީންވާކަމެކެވެ. އިސްތިސްނާ ކުރަންޖެހޭ ޙާލަތެއްގައި އިސްތިސްނާ ކުރެވޭނީ އިސްލާމީ ޝަރްޢުގައި ކަޑައަޅުއްވާފައިވާ ޙާލަތެއް މެދުވެރިވެގެންނެވެ. އެއީ ދަތުރުވެރިއެއް ނުވަތަ ބަލިހާލަތެއް މެދުވެރިވެގެންނެވެ. ޢީދު ދުވަހާއި ހުކުރުދުވަސް އެއްދުވަހަކަށް ދިވާވެއްޖެނަމަ ޢީދުނަމާދު ކުރުމަށް ފަހު ހުކުރުނަމާދު ޤާއިމު ކުރުމަކީ ވާޖިބެކެވެ. އަދި، ދައުލަތުގެ ވެރިމީހާ ހުކުރު ނަމާދަށް ހާޟިރުވާންޖެހޭނެ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ޢީދުދުވަހާއި ހުކުރުދުވަސް އެއްދުވަހަކަށް ވުމުން ޢީދުނަމާދު ކުރުމާއި ހުކުރުނަމާދުކުރުމާ ބެހޭގޮތުން ރަސޫލުﷲގެފާނު ބަސްފުޅު އައިސްފައިވަނީ އަބޫހުރައިރަތުގެފާނު އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅެއްގައެވެ. މި ޙަދީޘްފުޅުބުނަނީ " قَدِ اجْتَمَعَ فِى يَوْمِكُمْ هَذَا عِيدَانِ فَمَنْ شَاءَ أَجْزَأَهُ مِنَ الْجُمُعَةِ وَإِنَّا مُجَمِّعُونَ – رواه أبو داود والبيهقى - ހަމަކަށަވަރުން ތިޔަބައިމީހުންގެ މި ދުވަހުގައި ދެ ޢީދު ބައްދަލުވެއްޖެއެވެ. އެހެންވެެ، ޢީދުނަމާދު ޖަމާޢަތުގައި ކުރުމުން، އޭނާ ބޭނުންނަމަ، ހުކުރުނަމާދުގެ ޖަމާޢަތަށް ފުދިގެންވެއެވެ." އަދި ހަމަކަށަވަރުން ތިމަންބޭކަލުން ހުކުރުނަމާދަށް ޖަމާޢަަތަށް ވަޑައިގަންނަވާނޫއެވެ." އަލްއިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. އަބޫޢުބައިދާ ވިދާޅުވިއެވެ. ޢުޘްމާންގެފާނުގެ އަރިހުގައި ހުކުރުދުވަހުގައި ޢީދުނަމާދު ކުރީމެވެ.ޚުުޠުބާ ފައްޓަވަމުން ޢުޘްމާންގެފާނު ވިދާޅުވިއެވެ. އޭމީސްތަކުންނޭވެ. މިއަދު ތިޔަބައިމީހުންގެ ދެ ޢީދު ބައްދަލުވެއްޖެއެވެ. ތިޔަބައިމީހުންގެތެރެއިން ދުރުރައްތަކުން އައިމީހުން ހުކުރުނަމާދަށް މަޑުކުރާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އަބުރާ ދާން ބޭނުންވާމީހުން އަބުރާ ދިއުމަށް އިޒުނަދެއްވައިފީމެވެ. (ދުރުރައްތައްކަމުގައި އެވާ ރަށުގެ މުރާދަކީ އަވާލީއެވެ. އަވާލީސަރަހައްދަކީ މަދީނާގެ ރައްބޭރުގައި އޮންނަ ރަށެކެވެ.މިހާރުއަވާލީއަކީ މަދީނާގެ އަވަށެކެވެ. އެއީ މަދީނާއި ޢަވާލީ އާއި ދެމެދު ދިހަ ކިލޯމީޓަރ ހިމެނޭ ރާސްތާއެއްވެއެވެ.) رواه البخاري 5571 މުޢާޛް ބިންޖަބަލް ރަޟިޔަﷲ ޢަންހު، ޔަމަނަށް ފޮނުއްވަމުން ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލާމް ޙަދީސް ކުރައްވާފައިވެއެވެ. ރެއަކާ ދުވާލު ފަރުޟު ފަސް ނަމާދު އެބައިމީހުންގެ މައްޗަށް، މާތްﷲ ފަރުޟު ކުރެއްވި އަންގަވާށެވެ." ޞަޙީޙު މުސްލިމުގެ ރިވާޔަތެއް" މި ޙަދީސުން ދޭހަވާގޮތުގައި ފަރްޟު ފަސް ނަމާދު މާތްﷲ ޝަރުޢު ކުރައްވާފައިވާކަމެވެ. މެންދުރު ނުވަތަ ހުކުރު ނަމާދަކީ ފަރުޟު ކުރައްވާފައިވާ ނަމާދު ތަކުގެ ތެރެއިން ނަމާދެކެވެ. ޤަސްތުގައި ނަމާދު ދޫކޮށްލުން ހުއްދަވެގެން ނުވާނެއެވެ. ފަރުޟު ނަމާދު ލުއިކުރަަން ހުއްދަވާނީ ޝަރުޢުގައި ކަޑައަޅުއްވާފައިވާ ޙާލަތް ތަކުގައެވެ. މިލުއި ދެއްވާފައިވަނީ އެ ޒަމާނުގެ ޙާލަތަށް ރިޢާޔަތް ކުރައްވާފައެވެ. އެއީ، ބަލިމަޑުކަމުން ނުވަތަ ދަތުރުފަތުރުގެ ސަބަބުން ނުވަތަ މީހުން ދިރިއުޅޭ ސަރަހައްދާ މިސްކިތް ދުރުކަމުގެ ސަބަބުން ދެއްވާފައިވާ ލުއިކަމެކެވެ. އެ ޒަމާނުގައި ޢީދުނަމާދު ކޮށްފައި، ހުކުރުނަމާދަށް ދިއުމަކީ ފަސޭހަ ކަމަކަށް ނުވަނީ މުވާޞަލާތީ ކަންކަން އެ ޒަމާނުގައި ދަތިކަމުންނެވެ. ވީމާ ރާއްޖެއަށް ބަލާއިރު ހުކުރުދުވަހާއި ޢީދުދުވަސް އެއްދުވަހެއްގައި އައުމުން – ޢީދުނަމާދު ކުރީތީއޭ ކިޔާފައި - ހުކުރުއެޅުން ހުއްދައެއްނުވާނެއެވެ. ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި ހުކުރުކުރާ މިސްކިތެއް ހުންނާތީއެވެ. އަދި އެމީހުންނަށް ޢީދު ނަމާދުކޮށްފައި ގެއަށް ގޮސް ހުކުރުނަމާދަށް ދިޔުން ބުރަކަމަކަށް ވެސް ނުވާނެތީއެވެ. އިސްލާމީ ދުނިޔޭގެ ފަތުވާމަރްކަޒުތައް ބުނާގޮތުގައި ، ހުކުރުދުވަހެއްގައި ޢީދު އައުމުން ހުކުރު ނަމާދު އެޅުމެއް ނެތެވެ. މޮޅު އިތުރުވެގެންވަނީ ހުކުރު ނަމާދު ޤާއިމު ކުރުމެވެ. https://m.islamqa.info/ar/answers/109323 https://www.dar-alifta.org/ar/fatwa/details/21914 https://www.aliftaa.jo/research-fatwas/3577 https://dorar.net/feqhia/1596 https://www.islamweb.net/ar/fatwa/191349 https://binbaz.org.sa/fatwas/1530/ ރިފަރެންސް العلامة ابن عابدين الحنفي ،رد المحتار" (2/ 166، ط. دار الفكر القاضي عبد الوهاب المالكي ،الإشراف على نكت مسائل الخلاف" (1/ 335، ط. دار ابن حزم) الإمام النووي "المجموع" (4/ 491، ط. دار الفكر) الإمام القرافي في "الذخيرة" (2/ 355، ط. دار الغرب الإسلامي) الإمام المازري في "شرح التلقين" (1/ 1035- 1036، ط. دار الغرب الإسلامي) الإمام الشافعي في "الأم" (1/ 274، ط. دار المعرفة) الإمام الشيرازي في "المهذب" (1/ 206) الإمام النووي "روضة الطالبين" (2/ 79، ط. المكتب الإسلامي) المجد ابن تيمية في "المحرر في الفقه على مذهب الإمام أحمد بن حنبل" (1/ 159) القفال الشاشي "حلية العلماء في معرفة مذاهب الفقهاء" (2/ 226، ط. مؤسسة الرسالة) الصنعاني ، "سبل السلام" (1/ 409، ط. دار الحديث) أبو البركات ابن تيمية "المنتقى" (ص: 307، ط. دار ابن الجوزي) الإمام الخطابي في "معالم السنن" (1/ 246، ط. المطبعة العلمية) الإمام أبو جعفر الطحاوي في "مختصر اختلاف العلماء" (1/ 347، ط. دار البشائر الإسلامية) الإمام ابن عبد البر في "التمهيد" (10/ 271، ط. أوقاف المغرب) الإمام أبو بكر بن المنذر في "الأوسط في السنن والإجماع والاختلاف" (4/ 116، ط. دار طيبة) الإمام التقي السبكي الشافعي في "فتاويه" (1/ 175، ط. دار المعارف) އެޑިޓަރުގެ ނޯޓު: މިއީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާޤިރުގެ ލިޔުއްވުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ