ކަރަންޓުން ފެށިގެން ހުރިހާ ޒަރޫރީ ކަމެއް ހުރީ 'ނިވިދިއްލޭ ބޮކި ފައްޗެއްގެ' ސިފައިގައި: ޝާހިދު
މި ސަރުކާރުގައި ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކަމަށާއި، ކަރަންޓުން ފެށިގެން ގޮސް ދިރިއުޅުމުގެ ހުރިހާ ޒަރޫރީ ކަމެއް މިއަދު ހުރީ 'އިރުއިރުކޮޅާ ފިޔުޒުދާ ނިވިދިއްލޭ ބޮކި ފައްޗެއްގެ' ސިފައިގައި ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ. ޝާހިދު އިޝާރާތް ކުރެއްވީ، މިދިޔަ އާދިއްތަ ދުވަހު މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލައަށެވެ. އެ ދުވަހު ކަރަންޓު ކެނޑުނީ މެންދުރު 12:35 ހާއިރު ކަމަށްވާއިރު، ހުރިހާ ސަރަހައްދަކަށް ކަރަންޓު ލިބުނީ ހަ ގަޑިއިރެއްހާއިރު ފަހުން އިރުއޮއްސި 18:30 ހާއިރެވެ. އެކަމުގެ ސަބަބުން އެކިއެކި ޚިދުމަތްތަކަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ބުރޫއެރިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ކަރަންޓު ނެތި، ޚިދުމަތް ނުދެވި ދެ ގަޑިއިރަށްވުރެ ގިނައިރު އޮތެވެ. ނަމަވެސް, މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު ސަބަބެއް މިހާތަނަށް ކަށަވަރުވެފައިނުވެއެވެ. ސްޓެލްކޯއަށް މިއަދާ ހަމައަށް ވެސް މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑެން މެދުވެރިވި ސަބަބެއް ބުނެނުދެވުނެވެ. https://x.com/abdulla_shahid/status/1930206167302844436 އެކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުގެ ހުރިހާ ދިމާލަކުން ވެސް ފެންނަނީ ކަންކަމުގެ ވައްޓަފާޅި ނެތް މަންޒަރު ކަމަށެވެ. އަދި ފެންނަނީ ކަންކަން ރާވައި ހިންގުމުގެ ގާބިލުކަމެއް ނެތްބަޔަކު 'ދަސްކުރާ' ބޯޑުއަޅުވައިގެން އުޅޭ މަންޒަރު ކަމަށް ވިދާޅުވެ ޝާހިދު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ސަރުކާރުގެ ހިންގުމުގެ މިސްރާބު ސީދާ ނުކުރެވިއްޖެނަމަ އެކަމުގެ އެންމެ ބޮޑު ގެއްލުމާ ކުރިމަތިލާން ޖެހޭނީ އާންމު ރައްޔިތުންނަށާއި އެ ރައްޔިތުންގެ ވިޔަފާރިތަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. ކަރަންޓުން ފެށިގެން ގޮސް ދިރިއުޅުމުގެ ހުރިހާ ޒަރޫރީ ކަމެއް މިއަދު ހުރީ އިރު އިރުކޮޅާ ފިޔުޒުދާ ނިވިދިއްލޭ ބޮކި ފައްޗެއްގެ ސިފައިގައި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ ކަރަންޓު ކެނޑުނު ސަބަބު ދެނެގަތުމަށް ފަހު ހާމަކުރައްވާނެ ކަމަށާއި އެ މައްސަލަ ތަކުރާރު ނުވާނެހެން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ. ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ -- ފޮޓޯ/ ސްޓެލްކޯ އެ މައްސަލައާ ގުޅޭ ގޮތުން ސްޓެލްކޯއިން އާދިއްތަ ދުވަހުގެ ހަވީރު ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައިވަނީ، އެހާތަނަށް ބެލިބެލުމުން އެ ކުންފުނީގެ ބޮޑު އިކުއިޕްމެންޓަކަށް ގެއްލުންވެފައިވާ ކަމަށް ފާހަގަނުކުރެވޭ ކަމަށެވެ. އަދި މުޅި މާލެއަށް އެއްކޮށް ކަރަންޓު ކެނޑެނީ މަދުންކަން ފާހަގަކޮށް، ދެންވެސް އެފަދަ 'ޓޯޓަލް ބްލެކްއައުޓް'އެއް އައުމަކީ ނާދިރު ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އަންގަވައިފައެވެ. އެހެންވެ، ފުލުހުން ތަހުގީގެއް ފަށައިފައިވާއިރު، އެ މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެ މުއައްސަސާއިން ބުނެފައިވެއެވެ. މި މައްސަލައިގައި އެމްޑީޕީއާއި އިދިކޮޅު އެހެން ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މާލެ ސަރަހައްދުން ކުއްލި ގޮތަކަށް ކަރަންޓު ކެނޑި، އެތައް އިރެއް ވަންދެން ޚިދުމަތް ނުލިބި އޮތުމުން އާންމުންނަށް އެތައް ދަތިތަކެއް ކުރިމަތިވެ، ވިޔަފާރިތައް ހުއްޓިފައި އޮތުމުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހޯމަ ދުވަހު ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ. ނަމަވެސް ސަރުކާރު މެންބަރުންގެ މެޖޯރިޓީއާއެކު އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ