އިންޖީނުގެތަކަށް ހަމަލާދީފިނަމަ ހޯރްމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުކުރާނަން: އީރާން

އީރާނުގެ އިންޖީނުގެތަކަށް އެމެރިކާއިން ހަމަލާދީފިނަމަ، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުކޮށްލާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
އީރާނުން ބުނި ގޮތުގައި އެމެރިކާއިން އެގައުމުގެ އިންޖީނުގެތަކަށް ހަމަލާދީފިނަމަ، ބަދަލުހިފުމުގެ ގޮތުން ސަރަހައްދީ ހަކަތައާއި ފެނުގެ ވަސީލަތްތަކަށް ވެސް ހަމަލާދޭނެއެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދީފިނަމަ އެމެރިކާގެ މާލީ ކުންފުނިތަކަށާއި އެ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރާ ފަރާތްތަކަށްވެސް ބަދަލުހިފުމުގެ ހަމަލާތައް ކުރިމަތިވާނެ ކަމަށެވެ.
ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވިގޮތުގައި، ކަނޑުއޮޅި ރަސްމީކޮށް ބަންދު ނުކުރި ނަމަވެސް، އިންޝުއަރެންސް ކުންފުނިތަކުން ހަނގުރާމައަށް ބިރުން އެ ސަރަހައްދަށް ދާން ޖެހިލުންވަނީއެވެ. އަދި އެ ކަނޑުއޮޅި އޮންނާނީ އީރާނުގެ ރަހުމަތްތެރި ގައުމުތަކަށް ހުޅުވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ