ޖަނަވާރުންނަށް، ހާއްސަކޮށް ބުޅަލަށް އިހާނެތިކޮށް ހިތާ، އަނިޔާކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ދީފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި، ހާނިއްކަކުރުމާއި، މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޖަނަވާރުންނަކީވެސް ވޭނާއި، ބިރާއި، ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަޚްލޫޤުންނަށް ވީހިނދު، އެތަކެއްޗަށް އޯގާތެރިކޮށް ހިތުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި، ދީނީ ގޮތުންނާއި، ގާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއްކަން މިނިސްޓްރީން ފާހަގަކުރެއެވެ.
ދާދިފަހުން ތަޞްދީޤުކުރެވުނު "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު" (25/2025) ގެ ދަށުން، ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ފަސް ހައްގެއް މިހާރު ވަނީ ގާނޫނީ ގޮތުން ކަށަވަރުކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
ހައިހޫނުކަމާއި ކަރުހިއްކުމުން މިންޖުވުން.
ބިރުގަތުމާއި ހާސްވުމުން މިންޖުވުން.
ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުން.
ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުން.
އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުން.
މި ގާނޫނުގެ 80 ވަނަ މާއްދާގެ ދަށުން، ޖަނަވާރުންނަށް އިހާނެތި އަމަލެއް ހިންގާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލާ ފަރާތްތައް 5,000 ރުފިޔާއާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި، އިސްލާމްދީނުގައި ހުރިހާ ދިރޭ ތަކެއްޗަށް ރަޙުމްކުރުމަށް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. ކީރިތި ރަސޫލާ (ޞައްލަالله ޢަލައިހި ވަސައްލަމަ) ގެ ސުންނަތުން އެނގޭ ގޮތުގައި، ޖަނަވާރުންނަށް އޯގާތެރިވުމަކީ ދީނީ އަދި އަޚްލާޤީ ޒިންމާއެކެވެ.
އެހެންކަމުން، ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އެންމެހާ ރައްޔިތުން ޒިންމާދާރުކަމާއެކު އަމަލުކުރުމަށާއި، މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށް ވަނީ އެދިފައެވެ. ޖަނަވާރުންގެ ހައްގުތައް ހިމާޔަތްކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ އަރުވާފައެވެ.
މިނިސްޓްރީން މިހެން ބުނެފައިވާއިރު، ބުޅަލެއްގެ ކަރުގައި ވާގަނޑެއް އައްސައި، ވަރަށް އިހާނަތިކޮށް ބިންމަތީގައި ދަމައިފައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ދާދިފަހުން މީސްމީޑިއާގައި އާއްމުވެފައިވާއިރު އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ބަލަމުންނެވެ.
ބުޅަލަށް އަނިޔާކުރާ ނަމަ ޖޫރިމަނާކޮށް ފިޔަވަޅު އަޅާނެ: މިނިސްޓްރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ