ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުނި އުކައިދޭ އަގަށް، ފެބްރުއަރީއިން ފެށިގެން ލުއި ދެނީ
އަންނަ ފެބްރުއަރީ މަހުން ފެށިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުނި އުކައިދޭ އަގަށް ލުއި ބަދަލެއް ގެނެސްދޭނެ ކަމަށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އިން ބުނެފިއެވެ. ވެމްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމާއި ނަގާ ފީ މިހާރަށްވުރެ ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުނި އުކާލުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މިހާރު ނަގަމުން އަންނަ ފީއަށް ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލުއި ދިނުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށް ބުނެފައެވެ. އަދި، މިވަގުތު އެސްއެެމްއީތަކުން ނަގާ ފީ ކުޑަކުރުމުގެ ގޮތުން ވަކި ބްރޭންޑްތަކެއް ތައާރަފުކުރުމަށް އެ ކޯޕަރޭޝަނުން މަޝްވަރާކުރަމުންދާ ކަމަށް ވެމްކޯއިން ބުންޏެވެ. މި މަޝްވަރާތަކަށްފަހު ކަނޑައެޅޭ ބްރޭންޑްތައް އެ ކޯޕަރޭޝަނުން ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާ ކުރާނެ ކަމަށް ވެސް ވެމްކޯއިން ބުންޏެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެމްކޯއިން ކުނި ނަގާދޭ ފީތައް ކުޑަކުރުމަށް ރައީސް ވައުދުވެވަޑައިގަތީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރޭގައެވެ. އެ ބައްދަލުވުމުގައި ބައެއް ވިޔަފާރިވެރިން ވަނީ ވިޔަފާރިތަކުން ވެމްކޯގެ ކުނި ނަގާ ޚިދުމަތަށް ކުރާ ހޭދަ ބޮޑުކަން ފާހަގަކޮށްފައެވެ. އެއާއެކު، ރައީސް ވަނީ ވިޔަފާރިވެރިންގެ މި ކަންބޮޑުވުމަށް އެކަށީގެންވާ ހައްލެއް ގެނައުމަށް ވެމްކޯއިން ބެލުމަށް އަންގަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ