1،200 މީހުންގެ ޖާގައިގެ، ދެވަނަ ފިޔަވަހީގެ ހަވަނަ މިސްކިތުގައި ފުރަތަމަ ނަމާދު ކޮށްފި

ބޮޑު އާބާދީއެއް އޮންނަ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވާ ހަ ވަނަ މިސްކިތުގައި މިއަދު ފުރަތަމަ ނަމާދު ކޮށްފިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، 2021ގެ ފަހުކޮޅުން ފެށިގެން މީހުން ދިރިއުޅެން ފެށީއްސުރެ މިސްކިތްތައް ބޭނުންވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެ ސަރަހައްދުގައި ފުރަތަމަ މިސްކިތް ހުޅުވީ އޮކްޓޫބަރު 2021ގައެވެ. އެއީ 480 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އޭގެ ފަހުން ވެސް، ދެވަނަ ފިޔަވަހީގައި މިސްކިތްތައް އަޅަން އަމިއްލަ ފަރާތްތަކާ ހަވާލުކޮށް، ބައެއް މިސްކިތްތައް ހުޅުވައިފައިވެއެވެ. މަސްޖިދުލްއީމާން: އެއީ ތިން ފަންގިފިލާގެ، 1،200 މީހުންގެ ޖާގައިގެ މިސްކިތެއް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ސަރަހައްދުގައި 'މަސްޖިދުލްއީމާން'ގެ ނަމުގައި އައު މިސްކިތެއް އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށް ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ. އަމިއްލަ ފަރާތަކުން އެޅި އެ މިސްކިތުގައި ތިން ފަންގިފިލާ ހުންނައިރު އެއީ، 1،200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މަސްޖިދުލްއީމާން: އެ މިސްކިތް ރަސްމީކޮށް ހުޅުވާނީ އަންނަ ހުކުރު ދުވަހު -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އެ މިސްކިތް މިއަދު ވަގުތީ ގޮތުން ހުޅުވައި، މިސްކިތް ބިނާކުރި އާއިލާއާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ ބައެއް ވެރިން ހިމެނޭ ގޮތަށް، މަޣުރިބް ނަމާދު ވަނީ ކޮށްފައެވެ. އެއަށްފަހު، ދެން މިސްކިތް ހުޅުވާލާނީ ރަސްމީކޮށް، އަންނަ ހުކުރު ދުވަހެވެ. މަސްޖިދުލްއީމާން: އެއީ ދެވަނަ ފިޔަވަހީގެ ހަވަނަ މިސްކިތް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިނާކުރަމުންދާ މިސްކިތްތަކުގެ ތެރެއިން 15 މިސްކިތެއްގެ މަޝްރޫއު ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ނިމޭނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި މާލޭގައި އަޅަމުންދާ މިސްކިތަކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ މިސްކިތްތަކެއް ހިމެނޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފަައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ