ގްރީންލޭންޑް ގަތުމާ ބެހޭ ގޮތުން ޓްރަމްޕް މަޝްވަރާ ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އޮފިޝަލުން ޑެންމާކުގެ ގްރީންލޭންޑް ގަތުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
"މިއީ ރައީސް އާއި އެމަނިކުފާނުގެ ގައުމީ ސަލާމަތާ ބެހޭ ޓީމުން މިހާރު ވަރަށް ބޮޑަށް މަޝްވަރާ ކުރަމުން އަންނަ ކަމެއް،" ވައިޓް ހައުސްގެ ތަރުޖަމާން ކެރޮލިން ލެވިޓް އިއްޔެ ވިދާޅުވި އެވެ.
ގްރީންލޭންޑާއި ޑެންމާކުން ވެސް ތަކުރާރުކޮށް ބުނަމުން އަންނަނީ އެ ރަށަކީ ވިއްކާލަން އޮތް ރަށެއް ނޫން ކަމަށެވެ.
ގްރީންލޭންޑް ހިފުމަށް އަސްކަރީ ބާރުގެ ބޭނުން ނުކުރާނެ ކަމަށް ޓްރަމްޕްގެ ސަރުކާރުން ކުރިން ބުނެފައިވާ ބުނުމަށް އަމަލު ނުކުރަނީ ކީއްވެތޯ ސުވާލު ކުރުމުން ލެވިޓް ވިދާޅުވީ ހުރިހާ ފުރުސަތެއް ވެސް އަބަދުމެ އޮންނާނެ ކަމަށާއި ނަމަވެސް ޓްރަމްޕަށް އޮތް ފުރަތަމަ ގޮތަކީ ޑިޕްލޮމަސީ އިސްކުރުން ކަމަށެވެ.
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަސްކަރީ ބާރުގެ ބޭނުން ކުރެއްވުމާ ގުޅިގެން ގްރީންލޭންޑް ސަރަހައްދުގެ މުސްތަގުބަލާ މެދު ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ.
ނޭޓޯގެ ބައިވެރި ޑެންމާކުން ބުނާ ގޮތުގައި ނޭޓޯގެ ސަރަހައްދަށް ހަމަލާ ދީފި ނަމަ އަސްކަރީ ގުޅުން ނިމުމަކަށް އަންނާނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނާ ގޮތުގައި، ގްރީންލޭނަކީ އެމެރިކާގެ ސަލާމަތަށް ވަރަށް މުހިންމު ތަނެކެވެ.
މިއީ އެންމެ އާބާދީ މަދު ސަރަހައްދު ނަމަވެސް، އުތުރު އެމެރިކާ އާއި އާކްޓިކާ ދެމެދު އޮންނަ މި ސަރަހައްދަކީ، މިސައިލް ހަމަލާއެއްގެ ދުރާލާ އިންޒާރު ދިނުމަށާއި އެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތައް މޮނިޓާ ކުރުމަށް އެންމެ ރަނގަޅު ސަރަހައްދެވެ.
ޕިޓުފިކް ސްޕޭސް ބޭސްއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އެމެރިކާ އިން ހިންގަމުން އަންނަ ތަނެކެވެ.
ގްރީންލޭންޑްގެ ގުދުރަތީ ވަސީލަތްތަކުގެ ތެރޭގައި މަދުން ނޫނީ ނުފެންނަ ބިމުގެ މިނަރަލްސް، ޔޫރޭނިއަމް އަދި ދަގަނޑު ހިމެނެ އެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން އައިސް ވިރި، އެ ތަންތަނަށް ވާސިލު ވުމަށް ވަނީ ފަސޭހަވެފަ އެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެ ތަނުގައި ތެލާއި ގޭހުގެ ރިޒާވް ވެސް ހުންނާނެ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެފައި ވަނީ އަންނަ ހަފްތާގައި ޑެންމާކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް، އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރު، 2019 ވަނަ އަހަރުގެ ތެރޭގައި އެ ރަށް ގަންނަން ހުށަހަޅުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ