ކުރިއަށް އޮތް 5 ދުވަހު ވެސް ދުންފުހުގެ އަސަރު ރާއްޖޭގެ ސަރަޙައްދުގައި ހުންނާނެ

ރާއްޖޭގެ ބޮޑު ސަރަހައްދަކަަށް މިއަދު، ސިއްހަތަށް ނުރައްކާ މިންވަރަށް ވައި ނުސާފުވެފައިވާއިރު، ކުރިއަށް އޮތް ފަސް ދުވަހު ވެސް ދުންފުހުގެ އަސަރު ހުންނާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެޗްޕީއޭއިން މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހާ ހަވާލާދީ ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދުތަކަށް، ޚާއްޞަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހު ވެސް ދުންފުހުގެ އަސަރު ރާއްޖޭގެ ސަރަޙައްދުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ. https://sun.mv/216394 އެ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ، ވިލިމާލެއާއި ދ. އަތޮޅާއި ލ. އަތޮޅު ހިސާބުގައެވެ. އެ ސަރަހައްދުތަކުގެ ވައި ނުސާފު މިންވަރު ވަނީ 'ރެޑް އެލާޓް'އަށް އަރައިފައެވެ. އެ ލެވެލްގައި، ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެންނަށް ވެސް ބޮޑުވެއެވެ. ރެޑް އެލާޓް ނެރެފައިވާ ހާލަތްތަކުގައި އަޅަން ލަފާދީފައިވާ ފިޔަވަޅުތައް: އެންމެން ވެސް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުން އެންމެން ވެސް ބޭރަށް ނުކުންނައިރު އެން95 ނުވަތަ އެފަދަ މާސްކް އެޅުން ބޭރުގެ ނުސާފު ވައި ނުވަންނަހެން ގޭގޭ ދޮރުތައް ލެއްޕުން އެއާ ޕިއުރިފަޔާ ބޭނުންކުރުން އެ ތިން ސަރަހައްދަށް ފަހު އެންމެ ވައި ނުސާފީ މާލެއާއި ފުވައްމުލަކާއި ށ. އަތޮޅުގައެވެ. އެގޮތުން މި ސަރަހައްދުތަކުގައި އޮރެންޖު އެލާޓް އޮތްއިރު، އޭގެ މާނައަކީ، ނާޒުކު ހާލަތުގައި ތިބި މީހުންނަށާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމެވެ. https://x.com/HPA_MV/status/2008847343848919096 ނާޒުކު ހާލަތްތަކުގައިވާ މީހުން ކަމަށް ބުނެފައިވަނީ، ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުން، އަދި އެލާޖީ މައްސަލަ ހުންނަ މީހުންނެވެ. އޮރެންޖު އެލާޓް ނެރެފައި ހުންނައިރު، ނާޒުކު ހާލަތްތަކުގައި ތިބޭ މީހުން ބޭރުގައި އުޅުން މަދުކޮށް، ބޭރަށް ނުކުންނަ ނަމަ އެން95 ނުވަތަ އެފަދަ މާސްކެއް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދުދެއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ވައިނުސާފުވެފައިވާ މިންވަރު -- ފޮޓޯ/ އެޗްޕީއޭ މީގެ އިތުރުން އައްޑޫ ސިޓީގައި ވެސް ވައި ނުސާފުވެ، ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށް، ނާޒުކު ހާލަތުގައި ތިބި މީހުން ބޭރުގައި އުޅުމުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައިވެއެވެ. އެޗްޕީއޭއިން ވަނީ، އެންވަޔަރަމެންޓް މިނިސްޓްރީގެ އޮންލައިން ލިންކާއި އައިކިޔުއެއާ ވިޝުއަލް މެދުވެރުކޮށް ވައި ސާފު މިންވަރު ބަލަމުން ދިޔުމަށް އިލްތިމާސްކޮށްފައެވެ. މެޓް އޮފީހުގެ އޮފިޝަލަކު ކުރިން ވިދާޅުވިގޮތުގައި މިހާރު މިޖެހޭ ގޮތަށް ވައި ޖެހޭއިރު, ފަސޭހައިން ވައި ސާފުވާނީ ވަރަށް ބޯކޮށް ވާރޭވެހުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ