ފަތުރުވެރިންގެ ފްލައިޓަށް އަންނަ ބަދަލުތައް ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ބެލުމަށް އެދިއްޖެ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެެހުންތަކާ ގުޅިގެން ފަތުރުވެރިންގެ ފްލައިޓަށް އަންނަ ބަދަލުތައް ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ބެލުމަށް ޓޫރިޒަމް މިނިސްޓްރީން މިރޭ އެދިއްޖެ އެވެ. އެ މިނިސްޓްރީ އިން ބުނީ ދަތުރުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވީ ކިހިނެއް؟ - އެމެރިކާ އާއި އިޒްރޭލް ގުޅިގެން މިއަދު މެންދުރު އީރާނަށް ހަމަލާ ދީފައިވާއިރު، އީރާނުން ދަނީ މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ ބޭސްތަކަށް ބަދަލު ހިފުމުގެ ހަމަލާތައް ދެމުންނެވެ.
މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު މިހާރު ބަންދުކޮށްފައިވާއިރު، އެ ގައުމުތަކަށް ދާ ގިނަ ފްލައިޓުތައް ވަނީ ކެންސަލްކޮށްފަ އެވެ.
ތަފްސީލް - ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް އަންނަނީ މެދުއިރުމަތީގެ ގައުމުތަކުގައި ޓްރާންސިޓުކޮށްފަ އެވެ. އެ ސަރަހައްދުގެ ހާލަތު އޮތް ގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ވެސް އޭގެ އަސަރު ކުރާނެ އެވެ. 
ގަލްފުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، ރާއްޖޭން މިއަދު ފުރަން ތިބި ފަސިންޖަރުން ތިބީ ފުރޭ ގޮތް ނުވެފަ އެވެ.
މިހާރުގެ ހާލަތާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިރޭ ބުނީ، ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާތީ ގިނަ ފްލައިޓުތައް ކެންސަލްކޮށްފައިވާ ކަމަށެވެ.
މީގެ ސަބަބުން ދަތުރުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ދެނެގަނެ، ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމްގެ ބަޔާނުގައި، ފަތުރުވެރިން އެއާޕޯޓަށް ފުރުމުގެ ކުރިން އެއާލައިންތަކުގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް ކަށަވަރުކުރުމަށް ރިސޯޓުތަކަށާއި ފަތުވެރިންނަށް ހިދުމަތްދޭ މަރުކަޒުތަކަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރުތައް ކެންސަލް ވުމުގެ ސަބަބުން ރާއްޖެއިން ނުފުރި، މަޑުކުރަން ޖެހިފައި ތިބި ފަސިންޖަރުން، އެއާލައިންތަކާއި ކަމާ ގުޅޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް ވެސް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ގުޅުން ހުރި - ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް މިރޭ ވިދާޅުވީ 1،400އަށް ވުރެ ގިނަ ފަސިންޖަރުންގެ ފްލައިޓުތަކަށް ބުރޫއެރި ކަމަށެވެ.
"އޭރުއްސުރެ އެއާޕޯޓަށް އައި ފަސިންޖަރުންނަށް އަޅުގަނޑުމެން މި މަސައްކަތް ކުރީ އެ ބޭފުޅުން އަނެއްކާވެސް އެ ވަޑައިގެންނެވި ރިސޯޓު ނޫނީ ގެސްޓުހައުސްއަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް. ބައެއް ޓޫރިސްޓުން ބޭނުންވީ ޓިކެޓު ބަދަލުކޮށްގެން އެހެން ފްލައިޓެއްގައި ދިއުމުގެ މަސައްކަތް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއް ފަތުރުވެރިން ބޭނުންވި އަދި އެއްވެސް ތަނަކަށް ނުގޮސް އެއާޕޯޓުގައި ތިބެފައި ދެންވާ ގޮތެއް ބަލާފައި ކުރިއަށް ފިޔަވަޅު އަޅަން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ