އަހަރެން ޖަލުން ދޫނުކުރުމަށް މިސަރުކާރުގެ ދެ ވަޒީރަކު ސޯލިހު އަރިހު އެދުނު: ޔާމީން އަހަރެން ޖަލުން ދޫނުކުރުމަށް މިސަރުކާރުގެ ދެ ވަޒީރަކު ސޯލިހު އަރިހު އެދުނު: ޔާމީން

އެ މަނިކުފާނު ޖަލުން ދޫނުކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި މި ސަރުކާރުގެ ދެ މިނިސްޓަރަކު އެދިވަޑައިގެންނެވި ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ "މި ސަރުކާރުން ދޭ މައާފެއް އަޅުގަނޑު ބޭނުމެއް ނުވާނެ" ކަމަށެވެ.
އެއަށް ފަހު ވިދާޅުވީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔައިރު އެ މަނިކުފާނު ދޫކޮށް ނުލުމަށް އެދި އޭރު ޕީޕީއެމްގެ އިސް ދެ ބޭފުޅަކު، ސޯލިހު އަރިހަށް ވަޑައިގެންނެވި ކަމަށެވެ.
"ޕީޕީއެމްގައި އިސްކޮށް އުޅުނު ދެ މީހުން ދިޔައީ ޔާމީން ދޫކޮށް ނުލައްޗޭ ކިޔާފައި، މުއިއްޒު ފޮނުވައިގެން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެއީ އެއީ މިހާރު މި ސަރުކާރުގެ ދެ ވަޒީރުން ކަމަށާއި އެއީ ކޮން ބައެއްކަން ވެސް "ކޮންމެވެސް ދުވަހަކުން" ހާމަކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެ މީހުންނަށް އެނގޭނެ އަޅުގަނޑު މި ދައްކަނީ އެ މީހުންގެ ވާހަކަކަން. އެ މީހުންނަށް އެނގޭނެ އަޅުގަނޑު މި ދައްކަނީ އެ މީހުންގެ ވާހަކަކަން،" ތަކުރާރުކޮށް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު އެ ކޯލިޝަންގެ ބައެއް ވެރިން [މިހާރު މި ސަަރުކާރުގެ ވެރިން] އެމަނިކުފާނުގެ ޝަރީއަތަށް ވެސް ނުފޫޒު ފޯރުވި ކަމަށާއި އެއީ ކޮންބައެއްކަން އެނގިވަޑައިގަންނަވާ ކަމަށް މިދިޔަ އަހަރު ޔާމީން ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިހާބު މުއިއްޒަށް ކާމިޔާބުވެފައި ވަނިކޮށް ޔާމީން ގޭބަންދަށް ބަދަލުކުރި އެވެ. ނަމަވެސް އެކަން ކުރެއްވީ މުއިއްޒު ނޫން ކަމަށާއި އެކަން ކުރެއްވީ އޭރުގެ ސޯލިހު ކަމަށް ޔާމީން ވިދާޅުވެފައިވެ އެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޔާމީން ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލާގަ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ހައި ކޯޓުން ހުކުމް ކޮށްފައިވެ އެވެ. އޭގެ ކުރިން ވެސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް ދަށު ކޯޓުން އިއްވި އިރު އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ވެސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެ މައްސަލަ ވެސް ދަށު ކޯޓުގައި އަދި ނުނިމެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ