ތިލަމާލެ ބުރިޖުގެ ތަނބުތަކުގެ ޕައިލިން ނިންމައި، މަޝްރޫއުގެ 66 ޕަސެންޓު ނިންމައިފި
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ ތަނބުތަކުގެ ޕައިލިން މަސައްކަތް ނިންމައި، މުޅި މަޝްރޫއުގެ 66 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ. 'ސަން'އިން ސުވާލުކުރުމުން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ބުރިޖުގެ ތަނބުތަކުގެ ޕައިލިން މަސައްކަތް އެއްކޮށް ނިމި، ޕައިލް ކެޕްގެ 98 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. މުޅި މަޝްރޫއުގެ ޑެކަށް ބޭނުންވާ ޕްރީ ކާސްޓްގެ 75 ޕަސެންޓު ސެގުމަންޓުތައް ކާސްޓުކޮށް، ބުރިޖުގެ ތަނބުތައް ގުޅާލުމުގެ 36 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭގެއިތުރަށް، މިހާތަނަށް މުޅި މަޝްރޫއުގެ 66 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ދަނީ: އެ މަޝްރޫއުގެ 66 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނޭ --- ފޮޓޯ/ އިންފްރާންސްޓަކްޗަރު މިނިސްޓްރީ ތިލަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން އެ ގައުމުގެ އެފްކޮންސް ކުންފުނިންނެވެ. އިންޑިއާގެ ހައި ކޮމިޝަނުން މިދިޔަ އޭޕްރިލް މަހު އެ މަޝްރޫއުގެ މައުލޫމާތު ހިއްސާކުރަމުން ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން، ދުނިޔޭގެ ވެސް އެންމެ އުސް ކަނޑުއަޑީގެ ޕްރިކާސްޓް ތިލަމާލެ ބްރިޖުގައި ގާއިމުކޮށްފައި ވާކަމަށެވެ. އެ ޕްރީކާސްޓް ގައި 8.2 މީޓަރުގެ އުސްމިން ހުންނައިރު، 25.3 މީޓަރުގެ ފުޅާމިން ހުންނަ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. އެފްކޮންސްއިން ތިލަމާލެ ބުރިޖުގެ މަސައްކަތާ ހަވާލުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2021ވަނަ އަހަރުގެ އޯގަސްޓު މަހު ކަމަށްވާއިރު، މަސައްކަތް ނިންމަން ފުރަތަމަ ދީފައި އޮތް ތާރީޚަކީ މިދިޔަ އަހަރެވެ. ބުރިޖުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ އާއިޝް އަޝްރަފް އެ ބުރިޖު ނިންމަން ނުވަތަ ނުނިމޭނަމަ ބުރިޖުގެ ވަކި ބައެއް ހުޅުވަން ޞާލިޙްގެ ސަރުކާރުން އެކި ތާރީޚުތައް ދިން ނަމަވެސް އެ މަސައްކަތް ކުރެވިފައިނުވެއެވެ. އަދި އެ ސަރުކާރު ނިމުމުގެ ކުރިން ސަޕްލިމަންޓަރީ އެގްރިމަންޓެއްގައި ސޮއިކޮށް އެ މަޝްރޫއު ނިންމަން އޮތް މުއްދަތު ވަނީ އަންނަ އަހަރަށް އިތުރުކޮށްފައެވެ. އެ މަޝްރޫއު ލަސްވާތީ ޞާލިޙާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގޮތުން ރާއްޖޭގައި ސިނާއީ އެންމެ ބޮޑު މަޝްރޫއުތައް ފެއްޓެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ، އެ މަސައްކަތް ކުރިއަށްދާ ގޮތުން މި ދައުރުގައި ވެސް ތިލަމާލެ ބުރިޖުގެ މަސައްކަތް ނުނިމޭނެ ކަމަށް ވިދާޅުވެފައެވެ. https://sun.mv/213420 ފާހަގަކުރެވޭ ގޮތުގައި، އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި ބުރިޖާއި ޓަނަލް އަޅަން 799 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ