އިސްލާމް ދީނުގައި ވަރުގަދައަށް ހިފަހައްޓައި، ހަސަދަވެރިކަމަށް މަގުފަހިވާ ކަންކަމުން ދުރުވޭ: ޚުުތުބާ
        އިސްލާމްދީނުގައި ވަރުގަދައަށް ހިފަހައްޓައި، ހަސަދަވެރިކަމަށް މަގުފަހިވާ ކަންކަމުން ދުރުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.  މިއަދު ޚުތުބާ ދީފައި ވަނީ، އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަހުމަތުގެ ރިސާލަތުގެ މައްޗަށެވެ.  ޚުތުބާގައި ބުނީ، އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތް ﷲ ފޮނުއްވި މަތިވެރި ރިސާލަތެއް ކަމަށެވެ.  މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ލޯތްބާއި ރަޙުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މައްޗަށް ކަމަށާއި އިސްލާމީ ރިސާލަތަކީ އެއްކައުވަންތަ ކަލާންގެއަށް އީމާންވުމާއި އެކަލާންގެއަށް ކިޔަމަންތެރިވުމަށް ގޮވައިލާ ރިސާލަތެއް ކަމަށް ޚުތުބާގައިވެއެވެ.    ބަޔަކު ނަމާދުކޮށްގެން އިސްލާމީ މަރުކަޒުގެ ސިޑިން ފައިބަނީ: ޚުތުބާގައި ގޮވާލީ އިސްލާމް ދީނުގައި ވަރުގަދައަށް ހިފަހައްޓައި، ހަސަވެރިކަމަށް މަގުފަހިވާ ކަންކަމުން ދުރުވުމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ  .ޚުތުބާގައި ބުނީ، ބައެއް މީހުން އިސްލާމްދީނާ މެދު ދެކެނީ އެއްވެސް ރަޙުމެއްނެތް ހަރުކަށި ދީނެއްގެ ގޮތުގައި ކަމަށާއި އެ ދީނަށް ތަބަޢަވާ މީހުންނަކީ އެއްވެސް އޯގާތެރިކަމެއްނެތް ހަރުކަށި ބައެއްގެ ކަމަށެވެ. ނަމަވެސް، ޙަޤީޤަތުގައި އިސްލާމްދީނަކީ ރަޙުމަތުގެ ދީން ކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.  "ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلقފުޅެއްގެ މަތީގައިކަން ކަށަވަރެވެ. ކީރިތި މާތް ނަބިއްޔާ އެކަލޭގެފާނުގެ ޞަޙާބީންނާއި އުންމަތް، މި މަތިވެރި ސިފަ އަށަގެންނެވުމުގެ މައްޗަށް ތަރުބިޔަތުކުރެއްވިއެވެ. އެއީ ހުރިހާ ގުޅުންތަކެއް ބިނާކުރުމުގެ މައިގަނޑު އަސާސަކީ ރިވެތި އަޚުލާޤާއި، ރަޙުމަތާއި، އޯގާތެރިކަންކަމުގައިވާތީއެވެ" ޚުތުބާގައި ބުންޏެވެ.  އޭގެއިތުރުން، ރިވެތި އަޚުލާގުގެ ވެރިއަކަށް ވުމަށް ކީރިތި ރަސޫލާ އަހަރެމެނަށް އަންގަފާއިވާ ކަމަށާއި ގިޔާމަތް ދުވަހުގައި އެމީހެއްގެ ދަރަޖަ އުފުލޭނެކަން ހަނދާންކޮށްދީފައެވެ.    ބަޔަކު ނަމާދަށް ސަފު ހަދައިގެން: އިސްލާމް ދީނުގައި ވަރުގަދައަށް ހިފަހައްޓަން ޚުތުބާގައި ގޮވާލި -- ސަން ފޮޓޯ/ ފަޔާޒު މޫސާ  މި ފަދަ ކަންކަމުން އިސްލާމްދީނަކީ ލޯތްބާއި ހަމްދަރުދީއާއި އޯގާވެރިކަމާއި ހެޔޮފޯރުވުމުގެ ދީންކަން އަހަރެމެނަށް އެނގޭކަން ޚުތުބާގައި ފާހަގަކުރިއެވެ. ހަމައެހެންމެ، ފަރުދުންނާއި މުޖުތަމަޢުތަކުގެ މެދުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް އިސްލާމްދީން މަސައްކަތްކުރާކަމަށް ޚުތުބާގައިވެއެވެ.  އިސްލާމީ އުންމަތުގެ އަފުރާދުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް ރަޙުމްކުރާ ބަޔަކަށްވުމަށް ދީނުގައި ބާރުއަޅާ ކަމަށް ޚުތުބާގައި ބުންޏެވެ. މި ސިފަތަކުގެ ސަބަބުން ދުނިޔަވީ އަމާންކަމާއި ހަމަޖެހުން ލިބި، އުޚުރަވީ ބާއްޖަވެރިކަން ލިބޭކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.  އެހެންވެ، އެކުވެރިވެ، އެކަލާނގެ ދީނުގައި ވަރުގަދައަށް ހިފަހެއްޓުމަށާއި ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމާއި،މަގުފަހިވާ ކަންތައްތަކުން ދުރުހެލިވުމަށް ޚުތުބާގައި ވަސިއްޔަތްކުރިއެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
             
            