ދެކުނު ކޮރެއާގެ ފަހުގެ ޑްރޯން އާއި އޭއައި ހަތިޔާރު ދައްކާލަނީ

ދެކުނު ކޮރެއާއިން އެ ގައުމުން މިހާތަނަށް ބާއްވާ އެންމެ ބޮޑު ހަތިޔާރު މައުރަޒު، ސޯލް އިންޓަނޭޝަނަލް އެއެރޯސްޕޭސް އެންޑް ޑިފެންސް އެގްޒިބިޝަން (އޭޑީއީއެކްސް) 2025 ފަށައިފިއެވެ. އިއްޔެ ފެށި މި މައުރަޒުގެ މައިގަނޑު މަގްސަދަކީ އާ ޑްރޯން އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހަދާފައިވާ ހަތިޔާރުތައް ދައްކައިލުމެވެ. މީގެ ތެރޭގައި ހޮވިޓްޒަރާއި ސުއިސައިޑް ޑްރޯންތައް ހިމެނެއެވެ. މައުރަޒު އިންތިޒާމު ކުރާ ފަރާތްތަކުން ބުނި ގޮތުގައި، 35 ގައުމަކުން 600 ކުންފުނި މި މައުރަޒުގައި ބައިވެރިވެއެވެ. މިއީ މިފަދަ މައުރަޒެއްގައި މިހާތަނަށް އެންމެ ގިނައިން ކުންފުނިތައް ބައިވެރިވާ ފަހަރުކަމަށް ރިޕޯޓްތައް ބުނެއެވެ. އޭޑީއީއެކްސް 2025 ފަށައިފައިވަނީ ތިން ދުވަހުގެ އާންމު ވައިގެ ހަރަކާތްތަކަކާއެކުގައެވެ. މީގެ ތެރޭގައި އަލަށް ތަރައްގީކުރި ކޭއެފް-21 ފައިޓަރު ޖެޓުގެ ދަތުރުތައް ހިމެނެއެވެ. އަންނަ ހަފުތާގައި ބޮޑު ކޮންފަރެންސް ސެންޓަރެއްގައި ވިޔަފާރީގެ މައުރަޒުތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަހުގެ ކުރީކޮޅު ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މިޔުންގް ވިދާޅުވީ، ސަރަހައްދީ ހަމަނުޖެހުންތަކާއި ނިއުކްލިއާ ހަތިޔާރު އުފައްދާ އުތުރު ކޮރެއާގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާތީ، އަންނަ އަހަރަށް އެ ގައުމުގެ ދިފާޢީ ބަޖެޓު 8.2 އިންސައްތަ އިތުރުކޮށް 66.3 ޓްރިލިއަން ވޮން (47.1 ބިލިއަން ޑޮލަރު) އަށް އަރާނެ ކަމަށެވެ. ހަންވާ އެއެރޯސްޕޭސް ކުންފުނިން ބުނެފައިވަނީ، މި އަހަރުގެ އޭޑީއީއެކްސްގައި އެ ކުންފުނިން އުފައްދާފައިވާ ކޭ9 ހޮވިޓްޒާގެ އާ ޖީލުގެ އުފެއްދުންތައް ދައްކައިލާނެ ކަމަށެވެ. މި ހޮވިޓްޒާތަކުގައި އޮޓޯމޭޝަން އަދި އޭއައި ބޭނުންކޮށްފައިވާތީ، އެތަކެތި އޮޕަރޭޓްކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތް ވަރަށް ބޮޑަށް މަދުވާނެއެވެ. ބައެއް ހާލަތްތަކުގައި އެއްވެސް އިންސާނަކު ބޭނުން ނުވާނެއެވެ. މީގެ އިތުރުން، މި ކުންފުނިން އުފައްދާފައިވާ އެލް-ޕީޖީޑަބްލިއު މިސައިލް-ލޯންޗްޑް ލޮއިޓަރިން މިއުނިޝަން (ސުއިސައިޑް ޑްރޯން) ވެސް ދައްކައިލާނެއެވެ. މި ޑްރޯންތަކަށް ވަކި ސަރަހައްދެއްގައި ދަތުރުކޮށް، އޭއައި ބޭނުންކޮށްގެން އަމާޒު ދެނެގަނެ ހަމަލާދިނުމުގެ ގާބިލްކަން ލިބިގެންވާނެކަމަށް އެ ކުންފުނިން ބުނެއެވެ. ހަންވާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާބާދީ ކުޑަވަމުންދާތީ ސިފައިންގެ އަދަދު މަދުވަމުންދާ ދަނޑިވަޅެއްގައި، ޑްރޯން ހަތިޔާރާއި އޭއައިގެ ސަބަބުން ދެކުނު ކޮރެއާއަށް ދިފާޢީ ގާބިލުކަން އިތުރުކުރެވޭނެ ކަމަށެވެ. ދިފާޢީ ހަތިޔާރު އެކުލަވައިލުމާބެހޭ އިދާރާގެ ވަޒީރު ސެއޮކް ޖޮންގް-ގަން ހުކުރު ދުވަހު ޕާލިމެންޓުގައި ވިދާޅުވީ، އެމެރިކާ، ކެނެޑާ، ސަޢޫދީ އަރަބިއްޔާ އަދި އެހެނިހެން ގައުމުތަކާ ގުޅިގެން ދިފާޢީ ހަތިޔާރު އެކްސްޕޯޓު ކުރުމުގެ ބާޒާރު ފުޅާކުރުމާއެކު، މީހުންނާއެކު އަދި މީހުންނާ ނުލައި ބޭނުންކުރާ ހަތިޔާރުގެ ނިޒާމުތައް ތަރައްގީކޮށް އާބާދުކުރުމަށް ސަމާލުކަން ދެމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ