އަކްރަމް ހިމެނޭހެން ހައުސިންގެ ކުރީގެ ވެރިން ކޮރަޕްޝަންގެ ދައުވާއަށް އިންކާރުކޮށްފި

'ގެދޮރުވެރިޔާ' އަދި 'ބިންވެރިޔާ' ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓާއި ގޯތި ދިން ކަމަށް ބުނާ މައްސަލާގައި ހައުސިން މިނިސްޓްރީގެ ކުރީގެ ހަތަރު ވެރިއެއްގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޝަރީއަތުގައި މިއަދު އިންކާރުކޮށްފި އެވެ.
ވީކިހިނެއް؟ - މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ގޯއްޗާއި ފްލެޓް ދޭން ކަނޑައެޅި ކޮމިޓީގައި އިސްކޮށް ތިއްބެވި ހަތަރު ބޭފުޅަކަށެވެ. އެ އެންމެންގެ މައްޗަށް ވެސް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.
ދައުވާ އުފުލާފައިވާ ހަތަރު ބޭފުޅުންނަކީ:
އޭރުގެ ހައުސިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިން ކޮމިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަކްރަމް
ހައުސިން މިނިސްޓްރީގެ އޭރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިން ކޮމިޓީގެ މެންބަރު މުހައްމަދު އާރިފް
ހައުސިން މިނިސްޓްރީގެ އޭރުގެ ޑިރެކްޓަރު ޖެނެރަލް އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ވިޝާން ނަސީމް
ހައުސިން މިނިސްޓްރީގެ އޭރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި ލިރުއާމް ވަހީދު
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އޮތީ ދައުވާއަށް ޖަވާބުދާރީވުމެވެ. ދައުވާއަށް ޖަވާބުދާރީވުމަށް ހަތަރު ބޭފުޅުންނަށް ވެސް ދިން ފުރުސަތުގައި އެ ބޭފުޅުންގެ ވަކީލުން ވަނީ ދައުވާތަކަށް އެ ބޭފުޅުން އިންކާރުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ތަފްސީލް - ދައުވާތަކަށް އިންކާރުކުރުމުގެ ކުރިން ދިފާއީ ބައެއް ވަކީލުން ވަނީ ދައުވާއާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއްކޮށްފަ އެވެ. އެ ގޮތުން ދައުވާގައި ބަޔާންކުރާ ކުށުގެ ރުކުންތައް ފުރިހަމަވާކަން ސާފުކޮށްދޭން އެދިފައިވެ އެވެ.
ދައުލަތުގެ ވަކީލު މުހައްމަދު އަބްދުﷲ ވިދާޅުވި ގޮތުގައި، އެކަމަށް ހައުސިން މިނިސްޓްރީން ކަނޑައެޅި ޕޯޓަލްގެ ތެރެއިން، އުސޫލާ ހިލާފަށް ގޯތި ނުވަތަ ފްލެޓް ދޭން ޝަރުތު ހަމަވާ ކަމަށް ޕްރޮސެސްކުރި ޔޫސަރުންގެ ނަންތައް ފެންނަން ހުރި ކަމަށެވެ. އޭގެ އިތުރުން:
ޝަރުތު ހަމަނުވާ ވަކި ފޯމެއް ޝަރުތު ހަމަކުރުމަށް، އަކްރަމް ބައެއް ބޭފުޅުންނަށް ކުރައްވާފައިވާ މެސެޖުތައް ހެކީގެ ގޮތުގައި ހުށަހަޅާފައިވޭ
ޝަރުތު ހަމަކުރުމަށް އަކްރަމް ބައެއް ބޭފުޅުންނަށް އެކްސެލް ޝީޓެއް ހިއްސާކުރައްވާފައިވޭ
ފުރަތަމަ ޝަރުތު ހަމުނުވާ ކަމަށް ހުރި އެކި ފޯމުތަކުގެ ސްޓޭޓަސް ޝަރުތު ހަމަވާކަމަށް ބަދަލުކޮށް، ބަދަލުކުރީ ކޮން ބައެއްގެ އެކައުންޓުންކަން ވެސް އެނގެން އެބަ އޮތް
ދައުވާއަށް ޖަވާބުދާރީވުމުން ދިފާއީ ހެކި ހުށަހެޅުމަށާއި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް، މައްސަލަ ބައްލަވާ ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު މުއްދަތުތަކެއް ދެއްވި އެވެ. އެ ގޮތުން:
ދިފާއީ ހެކި ހުށަހަޅަން ދެއްވީ 10 ދުވަސް؛ އެއީ މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2ގެ ކުރިން
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދެއްވީ 15 ދުވަސް؛ އެއީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރުފަހު 2ގެ ކުރިން
އެނގުން މުހިންމު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ފްލެޓް ލިބޭ މީހުން ކުރީ ސަރުކާރުން އޮތީ ކަނޑައަޅައިފަ އެވެ.  
އޭގެ ފަހުން:
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އާ ސަރުކާރުން ބޭނުންވީ އެ ލިސްޓު މުރާޖައާ ކުރަން 
އެކަމަށް އާ ކޮމިޓީއެއް އުފައްދައިގެން، ލިސްޓު އަލުން ބެލުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު އާ ލިސްޓެއް އާންމުކުރި 
އެ ލިސްޓުގައި ފުލެޓު ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 1،820 މީހަކަށް 
އެކަމަކު އެ ނިންމުން ބަދަލުކޮށް ކުރީގެ ލިސްޓަށް ފުލެޓް ދޭން ނިންމައި މިހާރު ދަނީ ޝަރުތުހަމަވާ މީހުންނަށް އެތަންތަން ހަވާލުކުރަމުން 
މިދިޔަ ސަރުކާރުގެ ލިސްޓަށް ފްލެޓު ދޭން މި ސަރުކާރުން ނިންމި ނަމަވެސް، ޝަރުތު ފުރިހަމަ ނުވާ ފަރާތްތައް އެ ލިސްޓުން އުނިކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މީގެ ކުރިން އޮތީ ވިދާޅުވެފަ އެވެ. އެގޮތުން މިދިޔަ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓުން ގާތްގަނޑަކަށް 700 މީހުން އުނިވާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ