ފުލުހުންގެ ބަންދުގައި ހުރި މައުރޫފް ކުއްލި އޮޕަރޭޝަނެއް ކުރަން ވައްދައިފި ފުލުހުންގެ ބަންދުގައި ހުރި މައުރޫފް ކުއްލި އޮޕަރޭޝަނެއް ކުރަން ވައްދައިފި

މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ހުރި ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު ކުއްލި އޮޕަރޭޝަނެއް ކުރަން ވައްދައިފި އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު، ހުސެއިން ޒިޔާދު (ފިއްޓޭ) އަދަދު އަށް ވިދާޅުވީ ކުއްލި މަޓޭ ކުއްލި އޮޕަރޭޝަނެއް ކުރަނީ އޭނާގެ ފުރަގަސް ފަރާތުން ލޭ އަންނާތީ، ލޭ މަނާކުރުމަށް ކަމަށެވެ.
"މަޓޭ ކުއްލި އޮޕަރޭޝަނަކަށް ދާންޖެހެނީ، ޑޮކްޓަރު ވިދާޅުވީ ބްލަޑް ކްލޮޓްސް ހުންނަނިއްޔޭ، ކޮންމެވެސް ވަރަކަށް ލޭ އަންނާތީ ކަމަށް، އެހެންވީމާ މިހާރު [ތިއޭޓަރަށް] ވައްދާފައިވީ،" ފިއްޓޭ ވިދާޅުވި އެވެ.
އިތުރު ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނު ނަމަވެސް، ކުރެވޭނީ މިހާރު ކުރަމުންދާ އޮޕަރޭޝަން ކޮށްގެން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފިއްޓޭ ވިދާޅުވި އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާ މައުރޫފް ފުލުހުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު މަސްވެރިން މާލެ ކައިރީގައި ކުރި މުޒާހަރާގެ ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ މުޒާހަރާ ލީޑުކުރި ދޯންޏަށް ފުލުހުންގެ ފައުޖެއް އަރަ އެވެ.
މައުރޫފް ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައިރު، ދޯނީގެ ސިޑިމަތިން އެނާ ކޫއްތޭ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ. ނަމަވެސް އޭނާއަށް އަނިޔާވީ ކިހިނެއްވެގެން ކަމެއް އަދި ނޭނގެ އެވެ.
ފިއްޓޭ ވިދާޅުވީ މައުރޫފްއަކީ ގަދަކޮށް ހުރި މީހެއް ކަމަށާއި އެފަދަ އަނިޔާއެއް ލިބިފައި ހުރި ނަމަ، މުޒާހަރާގައި އެހައި ވަރުގަދައަށް ހަރަކާތްތެރި ވެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
"ހަމަ ގަދަކޮށް ހުރި މީހެއް، މުޒާހަރާގައި ވެސް އެހައި ގަދަކޮށް ނޫޅެވޭނެތާ އެވަތުގެ އަނިޔާއެއް ލިބިފައި ހުރި ނަމަ، އަދި ނޭނގޭ ސީދާ ކިހިނެއް ލިބުނު އަނިޔާއެއް ކަމެއް،" ފިއްޓޭ ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ މައުރޫފް ހޮސްޕިޓަލަށް ގެންދިޔައީ ކުރިން ފެށިގެން ވެސް އޭނާގެ ހުންނަ ސިއްހީ މައްސަލައަކާ ގުޅިގެން އޭނާގެ އެދުމުގެ މަތިން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންދެވިފައިވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން. ޑޮކްޓަރަށް ދައްކަން އެމަނިކުފާނު އެދިފައިވަނީ، ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވިކަމަކާ ގުޅިގެން ނޫންކަން މި ފުރުސަތުގައި ދަންނަވަން،" ފުލުހުން ބުންޏެވެ.
ބުރާސްފަތި ދުވަހު މައުރޫފް އާއެކު އިތުރު ހަތް މީހުން ފުލުހުން ހައްޔަރުކުރި އެވެ. އޭގެތެރެއިން ހަތަރު މީހުންނަކީ ބިދޭސީންނެވެ. ދެން ހައްޔަރުކުރި ދެ މީހުންނަކީ ދެ ދޯނީގެ ކެޔޮޅުންނެވެ.
ދެ ކެޔޮޅުންނާއި މައުރޫފްގެ ބަންދަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ