ކުޑަކުދިންނަށް ހާއްސަ ފިލްމު އުފެއްދުމުގެ ގައުމީ މުބާރާތެއް ބާއްވަނީ

އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ހާއްސަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީހާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިއުލާނު ކުރެއްވީ ގައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ސަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދިވެހީން ދިވެހީންނަށްވަނީ ދިވެހި ބަހުގެ ސަބަބުން ކަމަށާއި ދިވެހިބަސް އެއް ޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދޭން އޮތް ފުރުސަތަށް ބަލާއިރު، ކުޑަކުދީން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޑަކުދިން ކިޔާނެ ފޮތްތައް ލިޔުއްވަން ބޭނުންވާ ފަރާތްތަކާއި މިހާރުވެސް ފޮތްތައް ލިޔުއްވަމުންދާ ފަރާތްތައް ތިއްބެވިކަން ފާހަގަކުރައްވާ، އެފަދަ ފޮތްތައް ޗާޕްކުރުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތައް ހުރިކަމުގެ ކަންބޮޑުވުން އެތައް ފަރާތްތަކަކުން ފާޅުކުރައްވަމުން ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމަކީ ގައުމީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ އެކަމާ އަޅާނުލައްވާ ދޫކޮށް ނުލައްވާނެ ކަމަށެވެ.
އަދަބިއްޔާތަކީ ގައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ ގައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދާއިރާ ކުރިއަރުވަން ސަރުކާރުން ދެއްވާ ސަމާލުކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އިލްމީ އަދަބީ އަހުލާގީ އަދި ސަގާފީ އިންގިލާބީ ބަދަލެއް ގެނައުމަށް އެމަނިކުފާނު ބޭނުންފުޅުވާކަމަށެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ތާރީހު ކުދީންނަށް އުނގަންނައި ދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުން މުހިންމުކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދޭން ވެސް ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުން ދާކަމަށާއި ރާއްޖޭގައި ކުޑަކުދީން ބަލާނެ ކާޓޫނު ފިލްމު، ގައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުމުން އެކަން ބައެއް ބޭފުޅުން ފާހަގަކުރައްވާ ކަމަށެވެ.
އެކަމަށް ހައްލު ގެނެސް ދެއްވުމުގެ ގޮތުން، އަންނަ އަހަރު ބަހާއި ސަގާފަތާއި ތާރީހާއި ތަރިކައިގެ ދާއިރާއިން ކުޑަ ކުދީންނަށް ހާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކު ހުޅުވާލައްވާނެކަން އެމަނިކުފާނު ރޭ އިއުލާނު ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ