މެސީގެ މޮޅު ކުޅުމާ އެކު އިންޓަ މިއާމީ ސެމީ އަށް މެސީގެ މޮޅު ކުޅުމާ އެކު އިންޓަ މިއާމީ ސެމީ އަށް

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 9) - ލިއޮނަލް މެސީގެ މޮޅު ކުޅުމާ އެކު، ނޭޝްވިލް އަތުން 4-0 އިން މޮޅުވެ، އިންޓަ މިއާމީން އެމްއެލްއެސް ކަޕްގެ އީސްޓް ކޮންފަރެންސް ފަޅީގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
އެމްއެލްއެސް ކަޕްގެ ފުރަތަމަ ބުރުގެ ތިން މެޗު ސީރީސްގައި، ނޭޝްވިލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން މިއާމީ މޮޅުވީ 3-1 އިންނެވެ. ދެ ވަނަ މެޗުން 2-1 އިން ނެޝްވިލް މޮޅުވިއިރު، ތިން ވަނަ މެޗުން 4-0 އިން މިއާމީ ވަނީ މޮޅުވެފަ އެވެ.
ރޭގެ މެޗުގައި، މެސީ ވަނީ ދެ ގޯލު ޖެހުމުގެ އިތުރުން ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މި ސީޒަނުގައި، މެސީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި، އެމްއެލްއެސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ހޯދުމުގެ ފުރުސަތު މެސީ އަށް އޮތީ ފަހިކޮށެވެ.
ސެމީ ފައިނަލުގައި ސިންސިނާޓީއާ ދެކޮޅަށް ކުޅޭ މެޗު އޮތީ އެއް ލެގަށެވެ. ސިންސިނާޓީ ދަނޑުގައި ކުޅޭ އެ މެޗު އޮންނާނީ މި މަހު 22 ނޫނީ 23 ވަނަ ދުވަހު އެވެ.
މިއީ، އެމްއެލްއެސް ޕްލޭއޮފްސްގެ ފުރަތަމަ ބުރުން ކުރިއަށް މިއާމީ އަށް ދެވުނު ފުރަތަމަ ފަހަރެެވެ. ކުރިއަށް އޮތް ތިން މެޗުން ނަތީޖާ ނެރެފިނަމަ، މެސީގެ ކެޕްޓަންކަމުގައި މިއާމީ އަށް އެމްއެލްއެސް ކަޕްގެ ތަށި ލިބޭނެ އެވެ. މެސީ ވަނީ ދާދި ފަހުން، 2028 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް މިއާމީގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ