ރުޅިގަދަވެގެން އުޅުނު ދެމަފިރިއަކަށް ޝައިޚް މަލާވީ ދެއްވި އަގުހުރި ނަޞީޙަތް! ކޮންމެ ދެމަފިއަކަށްވެސް އަގުހުރި ފިލާވަޅެއް!

ޝައިޚް މަލާވީއަކީ މޮރޮއްކޯގެ ވަރަށް ޚާއްޞަ ޝައިޚެކެވެ. މިސްކިތްތަކާއި ބައްދަލުވުންތަކުގައި ދަރުސް ދެއްވާފައި ނިންމަވާލައްވާ ޝައިޚެއް ނޫނެވެ. ވަޤުވެލައްވާ ވަރަކުން ގޭގެއަށް ޒިޔާރަތްކުރައްވައި ނަޞީޙަތް ދެއްވައެވެ.  
އެގޮތުން އެއްދުވަހަކު ވަޑައިގެންނެވުނު ގެއެއްގެ ތެރޭގައި ވަރަށް އަޑުގަދަވެގެން އުޅޭތީ ފުރަތަމަ އަޑުއައްސަވާލައްވަން މަޑުކޮށްލެއްވީއެވެ.  
"މިއަދުވެސް އޮފީހުން އައިއިރު ކާނެ އެއްޗެއް ނެތް! ތިއައިންނަނީ ފޯނުގަ"  
"ބަލަ! ކަލޭ އަހުރެންނާ ކައިވެނިކުރީ އަަބދު ކައްކުވަންތަ؟ އަމިއްލައަށް ކައްކައިގެން ކައިބަލަ! ނޫނީ އަހުރެންގެ ގައިގަ ތަޅައި އަނިޔާކޮށްބަލަ! އެންމެ ފަހަރަކު ގައިގަ އަތްލިޔަސް ފުލުހުންނަށް އަންގާނަން!"  
"ބަލަ އެންމެ ދުވަހަކުވެސް ރުޅިއައިސްގެން ގައިގަ އަތްލައިފިންތަ؟ މިއަތަކުން އެއްވެސް އަންހެނަކަށް އަނިޔާއެއް ނުކުރާނަމޭ!" 
ޖެހިގެން އުޅޭ މައްސަލަ އެނގިވަޑައިގަތުމުން ދޮރުގެ ބެލް ޖައްސަވައި ވިދާޅުވިއެވެ. "ބައްދަލުކޮށްލަން އައިސް މިހުރީ ޝައިކް މަލާވީއެވެ!" 
އަވަސް އަވަހަށް ދޮރިހުޅުވައި ވަރަށް ފުރިހަމަ މެހްމާންދާރީއެއް އަދާކުރިއެވެ. ކޮފީއާއި ފަރިއްކުޅުއްވާނެ ތަކެތި ގެނެސްދިނެވެ.  
ޝައިޚް ވިދާޅުވިއެވެ. "އަޑުއެހުމުން ވައްކަންކޮށްފީމެވެ. އެކަމަށް މާފުކުރާށެވެ! އަހުރެންނަށް ކީމަރުޙަބާއަށާއި އަދާކުރި މެހްމާންދާރީއަށް ޝުކުރުއަދާކުރަމެވެ. އެކަމަކު ބުނަންހެއްޔެވެ؟ މެހްމާންދާރީ އަދާކުރަންވީ އަހުރެންނަކަށް ނޫނެވެ. ފިރިމީހާއަށެވެ. މާތް ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިވެ ކިޔަމަންތެރިކަން އަދާކުރުމަށްފަހު އަނބިންނަށް ދެން އޮތީ ފިރިމީހާއެވެ. ޝައިޚުގެ ކަންކަންވެސް ގެންނަން އޮތީ ފިރިމީހާގެ ފަހަތުންނެވެ. ވީމާ އަހުރެންގެ ކުރިމަތީގައި އަނބިމީހާ ފިރިމީހާގެ ކިބައިން މާފަށް އެދޭށެވެ!"  
ޝައިޚް ވިދާޅުވިގޮތަށް ކަންތައްކޮށްފައި އަނބިމީހާ ދެންނެވިއެވެ. "ޝައިޚް އެވެ! މައްސަލައަކީ ފިރިމީހާ އަބަދު އުލެނީ ނުކެވިގެންނެވެ. މިއަދުވެސް ގެއަށް އައިއިރު ކައްކާފައި ނެތިގެން އެހުރީ ރުޅިގަދަވެފައެވެ."  
ޝައިޚް ވިދާޅުވިއެވެ. "ފިރިމީހާ މަސައްކަތުން އެނބުރި އަންނައިރު ކައްކައި ކާން ތައްޔާރުކޮށްފައި ބެހެއްޓުމަކީ އަނބިމީހާ ފިރިމީހާއަށް ކޮށްދޭންވާނެ ކަމެކެވެ. ބަނޑުހައި ވީމާ ކޮންމެ މީހަކުވެސް ރުޅިއަންނާނެއެވެ."  
"އަދިވެސް އަޑުއަހާށެވެ! އަނބިމީހާއަށް އޮތީ ފިރިމީހާއަށް ހެޔޮކޮށްހިތުމެވެ. ކިޔަމަންތެރިކަން އަދާކުރުމެވެ. ހަމައެގޮތަށް ފިރިމީހާއަށް އޮތީ އަނބިމިހާއަށް ލޯބިދީ އުފަލުގައި ބެހެއްޓުމެވެ. ދެމަފިރިންވެސް އަނެކާއަށް ވަފާތެރިވާންވާނެއެވެ. ދީނުގައި އޮތީ އެގޮތެވެ! މިދިން ނަޞީޙަތްކޮޅު ދެމީހުންވެސް ޤަބޫލުކޮށް ކުރިއަށް އޮތްތަނުގައި ލޯބިން އުފަލުގައި އުޅޭނެކަމަށް އުންމީދުކުރަމެވެ. ދެން މިވަޤުތު ގޮސްލާނަމެވެ." 
އުންމީދުކުރަނީ ޝައިޚްގެ ނަޞީޙަތް ހުރިހާ އެންމެންވެސް ޤަބޫލުކުރާނެ ކަމަށެވެ. ހަމައެކަނި ދަރުސް ދެއްވުމުގެ ބަދަލުގައި ޝައިޚް މަލާވީ ފަދައިން ގޭގެއަށް ވަޑައިގެން މިފަދަ އަގުހުރި ނަޞީޙަތް ދެއްވާނެ ޝައިޚުން އުޅުއްވާނަމަ ވަރަށް ބޮޑެތި ފައިދާތައް ކޮންމެ ދެމަފިރިއަކަށްވެސް ކުރާނެއެވެ! މައްސަލަތައް މަދުވެ ވަރިމަދުވާނެއެވެ! އިން ޝާ ﷲ
 
- މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ