ޤަޠަރަށް ދޭން ޖެހޭނީ ޙަމަލާއެއް ނޫންކަމަށާއި، އެ ޤައުމަށް ޙައްޤުވަނީ، އެކުރާ މަސައްކަތުގެ އަގުވަޒަންކުރުންކަމަށް ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވަނީ އިސްރާއީލުން ޤަޠަރަށް ދިން ހަމަލާ ކުށްވެރިކުރައްވައި، އެއީ އެ ޤައުމުގެ އިސްތިޤުލާލަށް އަރައިގަތުންކަމަށާއި، ޢަރަބި އަދި އިސްލާމީ އެންމެހައި ޤައުމުތަކުގެ ކަރާމާތް ނަގާލުމަށް ދިން ހަމަލާއެއް ކަމުގައި ސިފަކުރައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޤަޠަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއްގެ އިތުރުން، ސުލްޙައަށް ދިން ސީދާ ހަމަލާއެއް ކަމުގައެވެ. ޣައްޒާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމުގައި މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަޠަރަށް ޙަމަލާދިނުމުގެ ބަދަލުގައި އެ ޤައުމުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުން މުހިންމު ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އިސްރާއީލުން މަސައްކަތްކުރަމުންދަނީ ސުލްޙައަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި، ސަރަޙައްދީ ހަމަޖެހުމަށް ލޮޅުންއެރުވުމަށް ކަމުގައެވެ. އިސްރާއީލުން ޤަޠަރަށް ދިން އެ ހަމަލާއަކީ، ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރު ކުރުމާއި، ފަލަސްޠީނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުމާއި، ޢާންމު ރައްޔިތުންނާއި ސިއްޙީ ޚިދުމަތްތެރިންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ހަމަލާދިނުން ހިމެނޭ ގޮތަށް، ފުޅާ ދާއިރާއެއްގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިސްރާއީލުން ހިންގާ ޢަމަލުތަކަށް ޖަވާބުދާރީވުމުން ރެކެން ފުރުޞަތު ދޭ، ދެފުށްދެގޮތް މިންގަނޑުތައް ކުށްވެރިކުރައްވައި، ބައިނަލްއަޤުވާމީ ޤާނޫނު ހުރިހާ ދައުލަތެއްގެ މައްޗަށްވެސް ހަމަހަމަ ގޮތެއްގައި ހިންގާންޖެހޭނެ ކަމަށް ވަނީ ގޮވާލައްވާފައެވެ.
އަދި، އިސްލާމީ އުންމަތުގެ އެއްވެސް ޤައުމެއް، އެކަހެރި ޙާލަތެއްގައި ޢުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ޤަޠަރުގެ ސަރުކާރާއި އުޚުވަތްތެރި ރައްޔިތުންނަށް އެއްބާރުލުންދިނުން މަތީ ދިވެހިރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ގަތަރަށް ދޭން ޖެހޭނީ ޙަމަލާއެއް ނޫން، އެ ޤައުމަށް ޙައްޤުވަނީ އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ