ރައީސް ޔާމީން ޖަލަށްލީ 2018 ގެ ކޯލިޝަންގެ ހުރިހާ ލީޑަރުންވެގެން: އަބްދުއްރަހީމް

ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ޖަލަށްލީ އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެންނަން 2018 ވަނަ އަހަރު ކޯލިޝަން ހެދި ހުރިހާ ސިޔާސީ ލީޑަރުންވެގެން ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 
އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ރައީސް ޔާމީން މިނިވަންކުރާނެކަމަށް ވިދާޅުވެ ބައެއް ސިޔާސީ ލީޑަރުން ދައްކަވަމުންދާ ވާހަކަތަކަށް ކެލާގައި ބޭއްވި ޑރ މުޙައްމަދު މުއިއްޒުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިނަށް އަނިޔާވެރިވީ ކޮން ބައެއް ކަމަށާއި، އަދި އެ އަނިޔާ އެމަނިކުފާނަށް ދެމުން ގެންދަނީ ކޮން ސަބަބަކާއި ހުރެކަން ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށެވެ.
Advertisement
އެގޮތުން ރައީސް ޔާމިނަށް އަނިޔާކޮށް އެމަނިކުފާނު ޖަލަށް ލުމުގައި 2018 ވަނަ އަހަރު މި ސަރުކާރު ގެނައުމަށް ހެދި ކޯލިޝަންގެ ހުރިހާ ލީޑަރުން ޝާމިލުވާ ކަމަށާއި، އެއްވެސް ލީޑަރަކަށް އެކަމުން ބޯދަމައި ނުގަނެވޭނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 
2018 ގެ ކޯލިޝަން ލީޑަރުން 
"ރައީސް ޔާމީން ޖަލަށްލައިގެން މި އުޅެނީ 2018 ގައި މި ހެދި މާސިންގާ ކޯލިޝަނުން. މި ކޯލިޝަންގެ ހަމަ ކޮންމެ ބައިވެރިއަކީ ރައީސް ޔާމިނު ޖަލަށްލުމުގައި ބައިވެރިވި ބޭފުޅެއް. އެ ކޯލިޝަންގެ ކޮންމެ ލީޑަރަކީ ރައީސް ޔާމިނަށް އަނިޔާވެރި ލީޑަރެއް"
ޕީއެންސީގެ ރައީސް އަބްދުއްރަހީމް 
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިނަށް އަނިޔާކޮށް ޖަލަށްލާ، އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނަގާލުމަށް ފަހު މިއަދު ސިޔާސީ ޕޯޑިއަމްތަކުގައި އެކި ލީޑަރުން އެމަނިކުފާނުގެ ވާހަކަ ދައްކަވަމުން ދަނީ ރައްޔިތުންގެ ތާއީދު ލިބޭނެކަމަށް ބަލައިގެން ކަމަށެވެ. 
ރައީސް ޔާމިނުގެ ވާހަކަ ދައްކަވާ ފަރާތްތައް މިއަދު އެ ވާހަކަދައްކަވަނީ އެމަނިކުފާނަށް ހެޔޮ އެދިވަޑައިގެން ނޫން ކަމަށާއި، އެމީހުން ސިޔާސީ ގޮތުން އަރާނެ ގޮޅު ހުސްވެގެން، ކިރިޔާ ވެސް ރައްޔިތުންގެ ސަމާލުކަމެއް ލިބެން އޮތީ ރައީސް ޔާމިނުގެ ނަންފުޅު ބޭނުންކޮށްގެން ކަމަށް ވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 
އަބްދުއްރަހީމް މިފަދައިން ވިދާޅުވެ ރައީސް ޔާމިނުގެ ނަންފުޅު ބޭނުންކުރައްވާ ސިޔާސީ ގޮތުން ތާއީދު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ރައްދުދެއްވާފައިވާއިރު، ރައީސް ޔާމީން ވެސް ވަނީ އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު މެދުވެރިކޮށް، މިއަދު ސިޔާސީ އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކައިގައި އެމަނިކުފާނުގެ ސަޕޯޓަރުން ނުޖެހުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ ވާހަކަތަކަށް ސަމާލުވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ