ކުޅުދުއްފުށީގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތިތަކުގެ ތެރެއިން ރަޖިސްޓްރީ ނުކޮށްހުރި ގޯތިތަކާއި ސާފުތާހިރުކޮށް ބަލަހައްޓަމުންނުދާ ފަޅުގޯތިތައް ދައުލަތަށް ނެގުމަށް މުހުލަތެއްދީ، އެންގުމާ ހިލާފު ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަން ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
ނޮވެމްބަރުމަހުގެ 25 ވަނަ ދުވަހު ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ތިން ބާވަތެއްގެ ގޯތި ހިމަނާފައިވެ އެވެ. އެއީ ބަންޑާރަގޯތީގެ ގޮތުގައި ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން ވެރިފަރާތް ނިޔާވެފައިވާ ގޯތިތަކުގެ ތަރިކަ މައްސަލަ ނުނިންމާ ހުރި ގޯތިތަކާއި ތަރިކަ މައްސަލަ ނިންމާ އެކަމަކު ރަޖިސްޓްރީނުކޮށް ހުރި ގޯތި ތަކެވެ.
އޭގެ އިތުރުން ސާފުކޮށް ބަލަހައްޓަމުން ނުދާ ފަޅު ގޯތިތައްވެސް ހިމެނެ އެވެ.
ކައުންސިލުން ބުނެފައިވަނީ، ބަންޑާރަގޯތީގެ ގޮތުގައި ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން ވެރިފަރާތް ނިޔާވެފައިވާ ގޯތިތަކުގެ ތަރިކަ މައްސަލަ 6 މަސްދުވަހުގެ ތެރޭގައި ޝަރުއީ ކޯޓަކަށް ހުށަހެޅުމަށް އަންގާ ކަމަށާއި އަދި ބަންޑާރަގޯތީގެ ގޮތުގައި ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ރަޖިސްޓަރީ ނުކޮށް ހުރި ގޯތިތަކާއި ތަރިކަ މައްސަލަ ނިމިފައި ރަޖިސްޓްރީނުކޮށް ހުރި ގޯތިތައް ރަޖިސްޓަރީ ކުރުމަށް 3 މަސް ދުވަސްތެރޭގައި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ހުށަހެޅުމަށެވެ.
އެންގުމާއި އެއްގޮތަށް އަމަލު ނުކުރާފަރާތްތަކާއި ފަޅުގޯތިތަކުގެ ތެރެއިން ސާފުތާހިރުކަން ބެލެހެއްޓުމަށް ސިޓީ ކައުންސިލުން ތަކުރާރުކޮށް އެންގުމުންވެސް އިޖާބަނުދޭ ފަރާތްތަކުގެ ގޯތިތައް ދައުލަތަށް ނެގުމަށްޓަކާ ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އަމަލު ކުރަމުންދާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކުޅުދުއްފުށީގައި 800 އަށްވުރެގިނަ ފަޅުގޯތި އޮވެ އެވެ. އެ ގޯތިތައް ސާފުނުކޮށް ވާވުމުގެ ސަބަބުން މަދިރި އާލާވުމާއި މުޑުދާރުވުމުގެ އިތުރުން އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާގެ ގޮތުގައި އެތަންތަން ބޭނުންކުރާކަމުގެ ޝަކުވާ އޮވެ އެވެ.
ރަޖިސްޓްރީނުކޮށް ހުރި ގޯތިތަކާއި ސާފުނުކުރާ ފަޅު ގޯތިތަކުގެ މައްސަލާގައި ކައުންސިލްގެ ހަރުކަށި އެންގުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ