ސަރަހައްދީ ތަރައްގީގެ ތެރެއިން އާބާދީއާއި ތަރައްގީ އެއްފަސްކުރެވިގެން ރަށްރަށް ތަރައްގީކުރުމުގެ ފުރުސަތުތައް ފަހިކުރުމުން މިހާރު މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން އެކަށީގެންވާ ނިސްބަތެއް އެ ސަރަހައްދުތަކަށް ހިޖުރަކުރާނެ
ރާއްޖޭގެ އުތުރާއި ދެކުނުގައި އާބަން ސަރަހައްދުތަކެއް ތަރައްގީކޮށް އިތުރު އާބަން ސެންޓަރުތައް ގާއިމުކުރުމުގެ ތެރެއިން އަތޮޅު ތެރޭގެ ރަށްތަކަށް ދިރުން ގެނެސް މާލެއިން ރަށްފުށަށް ހިޖުރަކުރުމުގެ އޮއިވަރެއް އުފެއްދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ނޭޝަނަލް ޕްލޭނިން އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް ރޭވުންތެރިކަމާއެކު އަތޮޅު ތެރެ ތަރައްގީކުރުމުގެ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މާލެއިން އަތޮޅުތަކަށް ހިޖުރަކުރުމުގެ އޮއިވަރެއް ނުވަތަ ރިވާސް މައިގްރޭޝަންގެ ޓްރެންޑެއް ރާއްޖެއިން ފެނިފައިނުވާ ކަމަށެވެ.
ޑރ.ހައިދަރު ވިދާޅުވީ ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުގެ ތެރެއިން އާބަން ސެންޓަރުތަކާއި އާބަން ރީޖަންތަކުގެ ގޮތުގައި ތަރައްގީކުރާ ސަރަހައްދުތަކުގައި މަތީ ފަންތީގެ ހިދުމަތްތައް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި ގެދޮރުވެރިކަމުގެ ފުރުސަތުތައް ފަހިކުރެވުމުގެ ސަބަބުން އެތަންތަނުގައި އާބާދީއާއި ތަރައްގީ އެއްފަސްކުރެވި ކުދަ އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އާބާދީ އުފެދި ޑިމާންޑު ގާއިމުކުރެވިގެންދާނެ ކަމަށެވެ.
މާލެއިން މިސާލު ދައްކަވަމުން ހައިދަރު ވިދާޅުވީ މާލޭގައި ގިނަ އަދަދަކަށް ކުދި ވިޔަފާރިތައް ހިނގާ ސަބަބަކީ އެކަށީގެންވާ އާބާދީއެއް މާލޭގައި އޮތުމުގެ ސަބަބުން އެފަދަ ވިޔަފާރިތަކަށް މާލޭގައި ޑިމާންޑު އޮތުން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ޕްލޭނާ އެއްގޮތަށް އާބަން ސެންޓަރުތަކާއި އާބަން ރީޖަންތަކުގައި އާބާދީއާއި ތަރައްގީ އެއްފަސްކުރެވެމުން އެފަދަ ގިނަ ފުރުސަތުތައް ފަހިވާނެ ކަމަށެވެ.
އެގޮތުން ދެކުނުގައި އާބަން ސަރަހައްދެއްގެ ގޮތުގައި އައްޑޫއާއި ފުވައްމުލަކާއި ހުވަދޫގެ ދެބުރި އެއްކޮށް ތަރައްގީކުރަން ބަލާއިރު އެ ސަރަހައްދުތަކުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި އެނޫންވެސް ސިނާއަތްތަކުގެ ތެރެއިން ކުރެވޭނެ މަސައްކަތްތައް އެބަހުރި ކަމުގައި ހައިދަރު ވިދާޅުވި އެވެ.
ރާއްޖޭގެ އާބާދީގެ 40 އިންސައްތަ މީހުން ދިރިއުޅެނީ މާލޭ ސަރަހައްދުގައިކަން ފާހަގަކުރައްވަމުން ޑރ.ހައިދަރު ވިދާޅުވީ ސަރަހައްދީ ތަރައްގީގެ ތެރެއިން އާބާދީއާއި ތަރައްގީ އެއްފަސްކުރެވިގެން ރަށްރަށް ތަރައްގީކުރުމުގެ ފުރުސަތުތައް ފަހިކުރުމުން މިހާރު މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން އެކަށީގެންވާ ނިސްބަތެއް އެ ސަރަހައްދުތަކަށް ހިޖުރަކުރާނެ ކަމަށެވެ.
"ސަރުކާރުން ބޭނުންވަނީ ރަށްތައް ދިރުވައި، ރަށްރަށުގައި އާބާދީއާއި ހިދުމަތްތަކާއި ތަރައްގީ ގެނުވައިގެން ރައްޔިތުންނަށް ލިބެންޖެހޭ ލުއިފަސޭހަތައް ގެނުވަން. އެއިރުން ރަށްރަށަށް މާލެއިން މީހުން ހިޖުރަކުރާނެ ކަމުގައި ބެލެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސަރުކާރުގެ އަމާޒު | މާލެއިން އަތޮޅު ތެރެއަށް ހިޖުރަކުރުމުގެ ޓްރެންޑެއް އުފެއްދުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ