ތިނަދޫ ސިޓީއަށް ދީފައިވާ ސިޓީގެ ދަރަޖަ ނިގުޅައިނުގަނެވޭނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކުރީ ސަރުކާރުގައި މިދިޔަ އަހަރުގެ އޯގަސްޓު މަހުގައެވެ. އޭގެ ފަހުން އެކަމުގައި ހުރި ބައެއް ގާނޫނީ ހުރަސްތައް ހައްލުކޮށް މިއަހަރުގެ މާޗު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައެވެ.
އެކަމާ ދެކޮޅަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވަނީ ރައްޔިތުންގެ މަޖިލީހާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ އަށް ވެސް މައްސަލަ ހުށަހަޅާފައެވެ.
ތިނަދޫ އަށް ސިޓީގެ ދަރަޖަ ދީފައި ވަނީ ގޯސްކޮށް ކަމަށް ބުނެ، އެކަން ބަދަލުކުރުމަށް އެ ސިޓީގެ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން "އަސްލު ޓީވީ" އާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ތިނަދޫ ސިޓީ އަށް ދީފައިވާ އެ ދަރަޖަ އަކީ މުޅި ސިޓީގެ ރައްޔިތުންނަށް ލިބިފައިވާ އިއްޒަތެއް ކަމަށާއި، އެ ނިއުޅައެއް ނުގަނެވޭނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެ ސިޓީއަށް ލިބިފައިވާ ދަރަޖަ އަކީ މުޅި ސިޓީގެ ރައްޔިތުންގެ އެއްޗެއް ކަމަށެވެ. މިހާރު އެއަށް ގެނެވޭ ކޮންމެ ބަދަލަކީ ވެސް ރައްޔިތުންގެ ހައްގަކަށް އަރައިގަތުން ކަމަށާއި، ބައެއްގެ ތެރޭގައި އޮތް މައްސަލައަކާ ގުޅިގެން ރައްޔިތުން ވިކްޓިމައިޒް ވެގެން ނުވާނެ ކަމަށެވެ.
މެމްބަރު ސައުދުﷲ ހުށަހަޅާފައިވާ މައްސަލާގައި އޭނާ ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ތިނަދޫ ސިޓީ އަކަށް ހަދާފައިވަނީ ތިނަދޫ ކައުންސިލަރުން މޭޔަރުންނަށް ވުމުގެ ބޭނުމުގައި އާބާދީ އޮޅުވާލައިގެން ކަމަށް އޭނާ ތުހުމަތު ކޮށްފައިވެއެވެ. އެގޮތުން 10،150 މީހުން އާބާދީގައި ހަމަކޮށްފައި ވަނީ ތަކުރާރުކޮށް މީހުންގެ ނަން ހިމަނައިގެން ކަމަށް ސައުދުﷲ ތުހުމަތު ކޮށްފައިވެއެވެ.
އެ ސިޓީގައި އޭނާ ބުނިގޮތުން ސަރުކާރުން ވެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ކައުންސިލުން ފޮނުވި ލިސްޓުވެސް ޔަގީން ނުކޮށް ކަމަށެވެ. އަދި އޮޅުވާލުމުގެ ފުރުސަތު ލިބުނީ ވެސް އެހެންވެ ކަމަށާއި، ކައުންސިލްތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓު ވެސް ހޯދަނީ އެހެން ކަމަށް އޭނާ ތުހުމަތު ކުރެއެވެ.
މި ތުހުމަތުތަކާ ގުޅޭގޮތުން މިނިސްޓަރ އާދަމް ޝަރީފް ވަނީ މިދިޔަ މާޗު މަހު ރައީސުލްޖުމްހޫރިއްޔާ ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދެއްވީ އެކަމުގެ ހުރިހާ މައުލޫމާތެއް ވަރަށް ރަނގަޅަށް ބެއްލެވުމަށް ފަހުކަން ޔަގީން ކޮށްދެއްވާފަ އެވެ.
ތިނަދޫގެ މި މައްސަލާގައި ސައުދުﷲ ތުހުމަތު ކުރަނީ ސަރުކާރާއި ކައުންސިލަށެވެ. އަދި މިމައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައިވާއިރު އެމައްސާލަގައި ދައުވާ ކުރަނީ ދައުލަތާ ދެކޮޅަށެވެ.
ތިނަދޫއަށް ދިން ސިޓީގެ ދަރަޖަ ނިގުޅައިނުގަނެވޭނެ: މިނިސްޓަރ އާދަމް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ