އަލްޚަލީފާ އަބޫޖަޢުފަރުލް މަންޞޫރު އިމާމް އަބޫ ޙަނީފާ އާ ފަނޑިޔާރުކަން ޙަވާލުކުރައްވަން އުޅުއްވުމުން ވިދާޅުވިއެވެ! "ﷲގަންދީ ބުނަމެވެ. ޤާޟީކަމާއި ހަވާލެއް ނުވާނަމެވެ!"

މީހަކު ކިޔައިދިނެވެ. އޭނާގެ ބައްޕަގެ ގޯތިން އޭނާއަށް ލިބެންޖެހޭ ބައި ނުލިބުނީ އޭނާއަކީ ބައްޕަގެ ދަރިއެއް ނޫންކަމަށް ކޯޓުން ނިންމުމުމުންނެވެ. ގޯތިން ނުލިބުމަކުން ދެރައެއް ނުވަމެވެ. ނަމަވެސް ބައްޕަގެ ދަރިއެއް ނޫންކަމަށް ނިންމުމުން ވަރަށް ދެރަވިއެވެ. އެންމެ ދެރަވީ އެކަންކަން ނިންމީ އަހުރެންނަށް އަންގައިވެސް ނުލާ ކޯޓުން އެކަން ނިންމާފައި އޮތުމުންނެވެ.  
ގޯތި އޮތީ ރަށުގައެވެ. އަހުރެން ދިރިއުޅެނީ މާލޭގައެވެ. އެކަންކަން އެނގުނީ އެތައް އަހަރެއް ފާއިތުވި ފަހުންނެވެ. ކޮންމެއަކަސް އެނގުނު ހިސާބުން ކޯޓަށްގޮސް އެނިންމުމަކީ ޞައްޙަ ނިންމުމެއް ނޫންކަން ޘާބިތުކޮށްދިނީމެވެ. ނަމަވެސް ގޯތިން ބައެއް ހޯދަން މަސައްކަތެއް ނުކުރަމެވެ.  
އެއިގެ 10 ވަރަކަށް އަހަރުފަހުން ރަށަށް ގޮސްއުޅެނިކޮށް އެމެޖިސްޓްރޭޓް ބައްދަލުކޮށް މާފަށް އެދުނެވެ. އަދި ފައިސާކޮޅެއްގެ ބޭނުމުގައި ކުރެވުނު ކަމެއްކަމަށްވެސް ބުންޏެވެ. އަދި ބުންޏެވެ. "ބޭބެ މިހުރީ ވަރަށް މުސްކުޅިވެފައެވެ. ވިސްނާ ނުލައި މިފަދަ ބައެއް ކަންކަން ވަނީ ކުރެވިފައެވެ. މިހާރު މަސައްކަތްމިކުރަނީ އެންމެންގެ ކިބައިން މާފުހޯދޭތޯއެވެ." އެހެން ބުނުމުން އޭނާއަށް މާފުވެސް ކުރީމެވެ.  
އަދިވެސް އޭނާ ބުންޏެވެ. "އަހުރެން އެންމެ ބޮޑަށް ދެރަވި އެއްކަމަކީ އަހުރެންނަކީ ބައްޕަގެ ދަރިއެއް ނޫން ކަމަށް ބޮޑުބޭބެ ކޯޓުގައި ހެކިބަސްދީފައި އޮތަތީއެވެ."  
އެއްވެސް މީހަކު ފަނޑިޔާރުކަން ނުވަތަ ޤާޟީކަމާއި ޙަވާލުނުވާނަމަ އެމަސްއޫލިއްޔަތު އަދާކުރާނެ ބައަކު ނުތިބޭނެއެވެ. ވީމާ ކޮންމެވެސް ބައަކު އެމަސްއޫލިއްޔަތު އަދާކުރަންޖެހެއެވެ. އެހެންކަމާއިއެކުވެސް މަސްއޫލިއްޔަތު ހަވާލުވާ ބައަކު ވިސްނައިލުން މުހިންމު ކަންކަން ވަރަށް ގިނައެވެ.  
ޢަދުލުވެރިކަމާއިއެކު ފަނޑިޔާރުކަން ކުރެވިއްޖެނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެއެވެ. ސުވަރުގެ ވައްދަވާ ސަބަބަކަށްވެސް އެކަން ވެގެންދެއެވެ. އަދި އެމީހަކަށް މީސްތަކުންގެ ރުހުންވެސް ލިބެއެވެ. އިން ޝާ ﷲ. ހަމައެފަދައިން ޢަދުލުވެރި ނުވެވިއްޖެނަމަ ނަރަކައަށް ވަންނަން ޖެހޭ ސަބަބަކަށް އެކަން ވެގެންދެއެވެ. މީސްތަކުންގެ ނަފްރަތުވެސް ލިބެއެވެ.  
ފަނޑިޔާރު، މެޖިސްޓްރޭޓް މިހެންގޮސް ތަފާތު ނަންތައް ކިޔުނު ނަމަވެސް މަޤާމާއި މަސްއޫލިއްޔަތަކީ ހަމަ އެއްކަމެކެވެ. މައްސަލަބަލައި ޙުކުމްކުރުމެވެ. އެ މަޤާމާއި ޙަވާލުވުމަކީ ކިހައިވަރެއްގެ ކަމެއްކަމާއިމެދު ވިސްނައިލަނީ މަދުމީހެކެވެ. ބެލެނީ ލިބޭނެ އުޖޫރައަށެވެ. ކަމުގެ އަނެއްފަރާތަށް ބަލައި ވިސްނަނީ މަދުމީހެކެވެ.
ތިރީގައިވާ ލިޔުމުން ކަމުގެ މުހިންމުކަންބޮޑުކަން ވިސްނިލައްވާނެއެވެ!  
އެއްދުވަހަކު، އަލްޚަލީފާ އަބޫޖަޢުފަރުލް މަންޞޫރު  އޭނާގެ ދަރުބާރަށް އިމާމް އަބޫޙަނީފާ ޙާޟިރުކުރެއްވުމަށްފަހު، ޤާޟީ ކަމާއި ހަވާލުވުމަށް އެންގެވިއެވެ. ނަމަވެސް އިމާމް އަބޫޙަނީފާ އެކަމަށް ދެކޮޅު ހެއްދެވިއެވެ. 
އެހިނދު އަބޫ ޖަޢުފަރުލް މަންޞޫރު ވިދާޅުވިއެވެ. "ﷲގަންދީ ބުނަމެވެ. ކަލޭގެފާނު ޖެހޭނީ ޤާޟީކަމާއި ހަވާލުވާށެވެ." 
ޖަވާބުގައި އިމާމް އަބޫ ޙަނީފާ ވިދާޅުވިއެވެ. "ﷲގަންދީ ބުނަމެވެ. ޤާޟީކަމާއި ހަވާލެއް ނުވާނަމެވެ." 
އެހިނދު، އެތަނުގައި ތިބި، ޚަލީފާގެ އަރިސް މީހުންގެ ތެރެއިން މީހަކު ބުންޏެވެ. "އަމީރުލް މުއުމިނީން ހުވާކުރައްވާފައި ހަވާލުވާންޖެހޭނެ ކަމުގައި ވިދާޅުވުމުންވެސް، އެކަމާއި ދެކޮޅުހަދައި، ހަވާލުނުވާނެކަމަށް ހުވާކުރަނީހެއްޔެވެ؟" 
އިމާމް އަބޫ ޙަނީފާ ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަށްވުރެ، (ހުވަޔާއި ޚިލާފުވުމުގެ ސަބަބުން ދޭންޖެހޭ) ކައްފާރާ ދިނުމަށް ޚަލީފާ މާ ކުޅަދާނަވެގެންވެއެވެ." 
އިމާމް އަބޫ ޙަނީފާ ރަޙިމަހުﷲ، އާއި ސަލަފުންގެ އެހެން ބޭކަލުންވެސް ޤާޟީކަމާއި ހަވާލުވެނުލެއްވުމަށް އެހާބޮޑަށް މަސައްކަތްޕުޅުކުރެއްވީ ކީއްވެކަން ތިބޭފުޅުންނަށް އެނގިލައްވާތޯއެވެ؟ 
އެއީ، ކިހާބޮޑު މަސްއޫލިއްޔަތެއްކަން އެބޭކަލުންނަށް އެނގިލައްވާތީއެވެ. އެހެންކަމުން ޤާޟީން މިކަމަށް ވަރަށްބޮޑަށް ސަމާލުވާންޖެހެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.  
القُضَاةُ ثَلَاثَةٌ قَاضِيَانِ فِيْ النَّارِ وَقَاضٍ فِيْ الْجَنَّةِ رَجُلٌ قَضَى بِغَيْرِ الْحَقِّ فَعَلِمَ ذَلِكَ فَذَاكَ فِيْ النَّارِ وَقَاضٍ لَا يَعْلَمُ فَأَهْلَكَ حُقُوْقَ النَّاسِ فَهُوَ فِيْ النَّارِ وَقَاضٍ قَضَى بِالْحَقِّ فَذَلِكَ فِيْ الْجَنَّةِ (رواه الترمذي وصححه الألباني)  
"ގާޟީން 3 ބަޔަކަށް ބެހިގެންވެއެވެ. އޭގެ ތެރެއިން ސުވަރުގެ ވަންނާނީ އެންމެ ބައެކެވެ. އަދި އަނެއް 2 ބައި ވާހުށީ ނަރަކައިގައެވެ. ތިމަންނަ މި ޙުކުމްކުރަނީ ޙައްޤުގޮތާ ޚިލާފަށްކަން އެނގޭ ޙާލުވެސް އެގޮތަށް ޙުކުމްކުރާ މީހާ ވާހުށީ ނަރަކައިގައެވެ. އަދި ޙައްޤުގޮތް ނޭނގި (ޤާޟީކަމާ ހަވާލުވެ) މީސްތަކުންގެ ޙައްޤުތައް ނެތިކޮށްލާ މީހާވެސް ވާހުށީ ނަރަކައިގައެވެ. އަދި ސުވަރުގޭގައި ވާހުށީ ޙައްޤަށް ހުކުމްކުރާ ޤާޟީއެވެ." 
ނޯޓް: އެމުޖުތަމަޢެއްގައި ޤާޟީކަމަށް ޤާބިލު އިތުރު މީހަކު ނުވާނަމަ، އެކަމަށް ޤާބިލުމީހާގެ މައްޗަށް ޤާޟީކަމާ ހަވާލުވުން ވާޖިބުވާނެއެވެ. 
-އައްޝައިޚް މުޙައްމަދު ޝަމްޢޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ