ދީނުގެ ނަމުގައި އޮޅުވާލުން، ދިވެހިން ސަމާލުވޭ!

"ބޭންކް އޮފް މޯލްޑިވްސް އަކުން ކާޑުގެ މައުލޫމާތު ހޯދާކަށް ނުގުޅާނެ" މަކަރާއި ހީލަތޭ ބުނެފިއްޔާ އެންމެ އަވަހަށް ވެސް އިވެނީ މި އަޑެވެ. "ސްކޭމް" ފޯނު ކޯލުތަކާއި، އެހެނިހެން މުއާމަލާތްތައް މެދުވެރިކޮށް މިފަދަ މައްސަލަތައް ކުރިމަތިވަނީ ހަމައެކަނި ކޭޝްކާޑުގެ މައުލޫމާތު ހޯދަން ގުޅާ ހިސާބަކުން ނޫނެވެ. މިހާރު އަޅުކަމުން ވެސް "ސްކޭމް" ކުރަން ފެށީއެވެ. މި ދައްކަން އުޅެނީ އޭގެ ސްކޭމްއެއްގެ ވާހަކައެވެ.
ހައްޖާއި އުމުރާގެ އަޅުކަމަކީ، ކޮންމެ މީހަކުވެސް އެކަމެއް ކުރަން ބޭނުންވާނެ، އެކަން ކުރުމަށް އެތައް ގުރުބާނީތަކެއް ވާ އަޅުކަމެކެވެ. ދިވެހިންގެ ތެރެއިން ހަމަ ގައިމުވެސް ކަން އޮންނަނީ އެހެންނެވެ. ގިނަ ފަހަރު މީހުން ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން މި މަސައްކަތް ކުރަނީ، އުމުރު ދުވަހު އެއްކުރާ ފައިސާއިންނެވެ. ދިރިއުޅުމުގެ ހާލަތައް ބަލައި، މަހެއްގެ މައްޗަށް ކޮންމެ މީހަކަށްވެސް އެއްކުރެވެނީ މި މަދު އެއްޗެކެވެ. ހައްޖާއި އުމްރާއަށް މީހުން ގެންގޮސްދޭ ގްރޫޕްތަކަށް ފައިސާ ދައްކާ، އެކަމަށް ތައްޔާރުވެވެނީ އެތައް އަހަރަކުންނެވެ. މިއީ އެވްރެޖްކޮށް ދިވެހިންގެ ހާލެވެ.
އުމްރާއަށް ދާން ތައްޔާރުވީ ދިވެހިންގެ ތެރެއިން އެއް ބަޔަކު ހިޔާރުކުރީ، "އަލް މަޝްއަރު" ގްރޫޕެވެ. މި ގްރޫޕަކީ، އަލް މަޝްއަރުގެ ނަމުގައި ހައްޖާއުމުރާގެ އަޅުކަމަށް މީހުން ގެންދިޔުމަށް މަސައްކަތް ކުރަމުންދިޔަ ބައެކެވެ. އަދި ފައިސާގެ މައްސަލަތައް ބޮޑުވެ، އެކަމަށް ދިން ހުއްދަ ބާތިލްކުރުމުން،ޓްރެވެލް އެޖެންސީއަކަށް ނަން ބަދަލުކޮށްގެން މިއަހަރުގެ ރަމަޟާން މަހުވެސް މީހުން އުމްރާއަށް ގެންދިޔައީއެވެ. ދެން އިވެންފެށީ އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށްދިޔަ މީހުން މައްކާގައި ތާށިވެ، އަނބުރާ ނާދެވިގެން އުޅޭ ހަބަރެވެ. އުމްރާވެރިން ހިތުގައި ބިރުވެރިން އުފެދޭނެ މިންވަރު އަންދާޒާ ކޮށްލަން ހުދު އަޅުގަނޑަށް ވެސް ނޭންގުނެވެ. ރާއްޖެއާއި މާ ދުރު ތަނަކަށް ގޮސް، އަނބުރާ އާދެވޭނެ ދުވަހެއް ނޭންގި، ތިބެން ޖެހުނީއެވެ.
ޗެކްތަކަށް ފައިސާ ނުދައްކައި، 50 އުމްރާވެރިން ތާށިވީ
އެ ގްރޫޕުގެ ހަވާލުގައި 50 މީހަކު އުމްރާގެ އަޅުކަމަށް ދިޔައެވެ. އެ މީހުން ރާއްޖެ ގެންނަން ގްރޫޕުން ފްލައިޓް ޗާޓަރު ކުރީ އިނާ މޯލްޑިވްސްގެ ދަށުން ހިންގާ ''އޭސް ޓްރެވެލް'' އާއި ''އޭސް އޭވިއޭޝަން'' އިންނެވެ. ފްލައިޓް ޗާޓަރުކުރީ ސްރީލަންކަން އެއާލައިން އާއި ގަތަރު އެއާލައިންގެ އިތުރުން އެމިރޭޓްސް އެއާލައިނުންނެވެ. ޓްރެވަލް އެޖެންސީއަށް ފައިސާ ދައްކަން އެ ގްރޫޕުން ދިން ޗެކްތަކެއް ބައުންސުވުމާއެކު، މި މަހުގެ 16 ވަނަ ދުވަހު ރާއްޖެ އަންނަން ތާވަލުކުރެވިފައިވާ އެ އުމްރާވެރިންނަށް ރާއްޖެ ނާދެވި ތާށިވީއެވެ.
މި މަހުގެ 16 ވަނަ ދުވަހާއި ހިސާބަށްވެސް މަޝްއަރު ގްރޫޕުން ބުނަމުން ދިޔައީ، ބައުންސްވީ ޗެކުތަކަށް ފައިސާ ދައްކާ ނިންމާނެ ކަމަށެވެ. އަދި ދެމުންދިޔައީ ތާވަލުކުރެވިފައިވާ ދުވަހަށް އުމްރާވެރިން ރާއްޖެ ގެންނާނެ ކަމުގެ ޔަގީންކަމެވެ. އެކަމަކު އެހެނެއް އެކަމެއް ނުވިއެވެ. އުމްރާވެރިން ތާށިވެ، ކިރިޔާވެސް އާދެވޭނެ ގޮތެއް އޮތް ބަޔަކު ވިއްޔާ، ރާއްޖެ އައީ އަމިއްލަ ހަރަދުގައި ޓިކެޓް ނަގައިގެންނެވެ.
މަޝްއަރު ގްރޫޕުގެ ހަވާލުގައި އުމްރާއަށްދިޔަ މީހަކު މައުލޫމާތު ދިން ގޮތުގައި އޭނާވެސް އަނބުރާ ރާއްޖެ އައީ އަމިއްލަ ހަރަދުގައި ޓިކެޓް ނަގައިގެންނެވެ. އޭނާ ބުނިގޮތުގައި އޭނާ އަނބުރާ ރާއްޖެ އައިއިރުވެސް، ރާއްޖެ ނާދެވި ތާށިވެފައި 17 ވަރަކަށް މީހުން މައްކާގައި ތިއްބެވެ.
"ކިރިޔާވެސް އަމިއްލައަށް ޓިކެޓުނަގައިގެން ރާއްޖެ އާދެވޭ މީހަކު ވިއްޔާ މިހާރު އައިސްފި. މަދު ބަޔަކު ނައިސް ތިބޭނީ. އެއީ ގާތްގަނޑައަކަށް 17 ވަރަކަށް މީހުން،" އެ މީހާ ބުންޏެވެ.
ނާދެވި، ތާށިވެފައި އެތަނުގައި ތިބި މީހުންނަކީ އަމިއްލައަށް ޓިކެޓުނަގައިގެން ރާއްޖެ އާދެވޭނެ ގޮތަށް ދިރިއުޅުމުގެ ހާލަތު ހުރި ބަޔަކަށް ނުވެދާނެއެވެ.
މިނިސްޓްރީއިން އެދެނީ އެ ގްރޫޕަށް ފައިސާ ނުދައްކަން
ހުސްވި ރަމަޝާން މަހު މީހުން އުމުރާއަށް ގެންދިޔަ މަޝްއަރުގެ ގްރޫޕުގެ މައްސަލަ ފުލުހަށް ހުށަހަޅައި, އެ ކުންފުންޏާއި ކުންފުނީގެ ވެރިޔާ އަލީ ފާރިޝް އަށް އެއްވެސް ފައިސާއެއް ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން އެދިފައިވެއެވެ.
ފުލުހަށް މި މައްސަލަ ރިޕޯޓުކުރުމަށް ފަހު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ, އުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދަ ނެގުމަށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ދައްކައިގެން އޮޅުވާލައިގެން މީހުން އަތުން ފައިސާ ނަގާ މައްސަލަ ލިބިފައިވާ ކަމަށެވެ.
އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުޞޫލުތަކާ ޚިލާފަށް މީހުން އަތުން ލާރި ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާޢަތެއްގެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް މިއަދު ޕޮލިހަށް ހުށަހަޅާނެ ވާހަކަ ދަންނަވަން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 17, 2024
އަލްމަޝްއަރު ޓުއާސްގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުރި އަލީ ފާރިޝަކީ ހުއްދަ ބާތިލް ކުރި މަޝްއަރު އުމްރާ ގުރޫޕުގެ ވެސް ވެރިޔާކަމަށާއި، އެ ކުންފުންޏަށް އަދި އަލީ ފާރިޝަށް އެއްވެސް ފައިސާއެއް ނުދެއްކުމަށް މިނިސްޓްރީގެ ބަޔާނުގައި އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ