އިޒްރޭލުން އެއްގަމާއި ވައިގެ މަގުން ހަމަލާ ދެމުން ދިޔައިރު ހީވީ ގިޔާމަތް ލައިގަތީހެން: ހާން ޔޫނިސްގެ ރައްޔިތުން

ނަތަންޔާހޫ އެމެރިކާއަށް ދާ ވަގުތާ ދިމާކޮށް, އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ކޮށްފައި ވާ އިރު, ހާން ޔޫނިސްއަށް އެއްގަމާއި ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއްދީ 70 މީހަކު ޝަހީދު ކޮށްލައި 200 އެއްހާ މީހުން ޒަހަމްކޮށްލައިފިއެވެ.
ހާން ޔޫނިސް އަކީ, ގާޒާގެ އުތުރުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ފައްސާލުމުން ހިޔާވަހިކަން ހޯދަން ގޮސް ތިބި ސަރަހައްދެވެ. އެތަނަށް ހަމަލާދޭން ފެށުމާއެކު މިލިއަނެއްހާ މީހުން އެތަން ދޫކޮށް އަލް މަވާސީ ސަރަހައްދަށް ދިޔަ ނަމަވެސް ބައެއް މީހުން ވަނީ ހާން ޔޫނިސްގައި މަޑުކޮށްފައެވެ.
ހާން ޔޫނިސްއަށް ހަމަލާ ދޭތާ އެތައް ހަފްތާއެއް ވެފައި ވާ އިރު އިއްޔެގެ ހަމަލާއަކީ ވަކިން ވަރުގަދަ ހަމަލާއެއް ކަމަށް އެތާނގެ ރައްޔިތުން ބުނެއެވެ. އެމީހުން ބުނީ, އިއްޔެ އެއްގަމާއި ވައިގެ މަގުން ހާން ޔޫނިސް އަށް ހަމަލާ ދެމުން އަރައިގަންއިރު ހީވީ ގިޔާމަން ލައިގަނެހެނެވެ. ދާނެ ދިމާއެއް ނުދާނެ ދިމާއެއް ނޭނގޭ ވަރަށް މަތިންނާއި ތިރިން ހަމަލާ ދެމުން ދިޔަ ކަމަށާއި, އެ ހާލަތުން ސިފަވެގެން ދިޔައީ ދުނިޔެއަށް ގިނި ހިލަތަކެއް ފައިބައިގެން އައުންފަދަ ގޮތަކަށް ކަމަށް ބުނެފައި ވެއެވެ.
ހާން ޔޫނިސްގެ ބައެއް ރައްޔިތުންނާ ހަވާލާދީ ހަބަރު ފަތުރާ މަސްދަރުތަކުގައި ބުނެފައި ވާ ގޮތުން ހާން ޔޫނިސްގެ އިރުމަތީ ފަޅިން ބަނީ ސުހައިލާ ސަރަހައްދުގެ 2 ކިލޯމީޓަރެއްހާ ސަރަހައްދަށް އިޒްރޭލު ސިފައިން ތިބި ފެތުރިގަނެގެންނެވެ. ޓޭންކު ތަކުގައި މުޅި ސަރަހައްދު ހިފަމުން އަންނަ ފަދަ ގޮތަކަށް ހާން ޔޫނިސްއަށް ވަދެގަނެގެން ދިޔަ އިރު ހެލިކޮޕްޓަރުތަކާއި ބޮން އަޅާ ބޯޓުތަކުން ދިޔައީ ބޮމާއި މިސައިލް ހަމަލާތައް ދެމުންނެވެ.
ހަތިޔާރުތައް ގޮވާ އަޑާއި ބޯ ދުމުން މުޅި ސަރަހައްދު ފުރާލި އިރު ސަލާމަތްވާން ދާނެ އެއްވެސް ކޮޅެއް ނެތި އެންމެންކަހަލަ ގޮތަކަށް ބެދުނު ކަމަށް ބައެއް މީހުންނާ ހަވާލާދީ ހަބަރުތަކުގައި ވެއެވެ. އެ ހާލަތުގައި ވެސް ބައެއް މީހުން ވަޒަން ދޫކޮށް ފައިގެން ދިޔައިރު ނުދެވުނު މީހުން ވެގެން ދިޔައީ އިޒްރޭލުގެ ހަމަލާގެ ޝިކާރައަކަށެވެ.
އިޒްރޭލުގެ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 40 އެއްހާ މީހުން ޝަހީދުވެފައި ވާ އިރު ޒަހަމްވި މީހުންގެ އަދަދު ވަނީ ލައްކައެއް ފަހަނައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ