އިންތިހާބުތަކާ ގުޅޭ މައްސަލަތައް ސުޕްރީމް ކޯޓުން 10 ދުވަސްތެރޭ ނިންމަން ލާޒިމްކޮށްފި

އިންތިޚާބުތަކާ ގުޅޭ މައްސަލަތައް ސުޕްރީމް ކޯޓުން 10 ދުވަސްތެރޭ ނިންމަން ލާޒިމްކުރާ އިސްލާހެއް ހިމަނާފައިވާ ބިލެއް ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.ރައީސް ސޯލިހު މިއަދު ތަސްދީގުކުރެއްވި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 16ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، އެ ގާނޫނުގެ 65 ވަނަ މާއްދާ (އިންތިހާބު ބާތިލުކުރުން)އަށް އަކުރެއް ވަނީ އިތުރުކޮށްފަ އެވެ.މި އަކުރުގައި ވަނީ އިންތިހާބަކާ ގުޅޭ ގޮތުން ހައިކޯޓަށް ހުށަހަޅާ މައްސަލައެއްގައި ގޮތް ނިންމުމުން، އެ ނިންމުމެއް އިސްތިއުނާފު ކުރުމަށް އެދޭނަމަ އެ މައްސަލައެއް ހައިކޯޓުން ގޮތް ނިންމާތާ ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާތާ ގިނަވެގެން 10 ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ކަނޑައަޅަން ވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.މީގެ އިތުރުން، އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާހުގައި، ކޮންމެ އިންތިޚާބަކަށްފަހު، އެ އިންތިޚާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިޚާބެއް ބާއްވާ ތާރީޚުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.އަދި މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށް ވާންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެއެ. މީގެ އިތުރުންވެސް އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލުގެ އެކިއެކި މާއްދާތަކަށް ވެސް އިސްލާހު ހުށަހަޅާފައިވެއެވެ.އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ސޯލިހް ތަސްދީގުކުރައްވާ މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިވާއިރު، މިއަދުން ފެށިގެން މި ގާނޫނަށް ގެނައި އިސްލާހުތަކަށް ވަނީ އަމަލުކުރަން ފަށާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ