ޖޭޕީއާ ގުޅެން ބޭނުންވާ ކަމަށް އެމްޑީޕީން ބުނުމުން އެކަމާ އުފާކުރަން - ގާސިމް

ޖޫމްހޫރީ ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށް އެމްޑީޕީން ބުނުމުން އެކަމާއި އުފާކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމައި ނައިބް ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށް ބޭއްވި ޖަލްސާއަށްފަހު މަޖިލިސް ކުރާ ގޭގެ ގޯތިތެރޭގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ޖޭޕީ އާއި ގުޅެން ތައްޔާރަށް އޮތް ކަމަށް އެމްޑީޕީން ބުނާ ބުނުމާއި މެދު އުފާކުރައްވާ ކަމަށާއި އެކަމުން ވެސް ޖޭޕީއަކީ ކުޑަ ބައެއް ނޫން ކަން އެނގިގެންދާ ކަމަށެވެ.
"އެމްޑީޕީން އަޅުގަނޑުމެންނާއި ގުޅެން ބޭނުންވާ ކަމަށް ބުނުމުން އެކަމާއި އުފާކުރަން، އެއީ ވެސް ރާއްޖޭގެ ގާނޫތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށްގެން ހިންގާ ޕާޓީއެއް، އެކަމުން ވެސް އަޅުގަނޑުމެންނަކީ ކުޑަ ބައެއް ނޫން ކަން އެނގެނީ." ގާސިމް ވިދާޅުވި އެވެ.
ގާސިމް މިހެން ވިދާޅުވިއިރު ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީ އޮތީ ޖޫމްހޫރީ ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށާއި އެމްޑީޕީ އިން އެހެން ޕާޓީއަކާ ގުޅުމުން ރައްޔިތުންނަށް މާ ބޮޑަށް ފައިދާވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް އޭނާ ކުރިމަތިލެއްވުމުން ކޯލިޝަން އުވާލުމަކީ އިންސާފެއް ނޫން ކަމަށާއި ކޯލިޝަންގެ އެއްބަސްވުމުގެ ރޫހެއް ނޫން ކަމަށެވެ.
ޕީޕީއެމުން ކުރިން ބުނެފައިވަނީ މިއަދު ޖަލްސާގައި މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމްގެ ނަން ހުށަހެޅުމާއެކު، ކޯލިޝަން ރޫޅޭނެ ކަމަށް ޕީޕީއެމް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެކަން އިއުލާންކޮށްދެއްވާފައިވަނީ ޓުއަރިޒަމް މިނިސްޓަރު އަދި އެޕާޓީގެ ނައިބު ލީޑަރު އަހުމަދު އަދީބެވެ.
"މިހާރު ކޯލިޝަން ރޫޅާ ލެވިއްޖެކަމަށް އެބޭފުޅުން އިއުލާންކުރެއްވީ، އެހެންވީމަ އިތުރަކަށް އަޅުގަނޑުމެން ކޯލިޝަނެއް އޮތްކަމަށް ގަބޫލުކުރާކަށް ޖާގައެއް ނެތެއްނޫންތޯ." ގާސިމް ވިދާޅުވި އެވެ.
ޕީޕީއެމުން އެގޮތަށް ކަންތައްކުރިނަމަވެސް ގާސިމް ވިދާޅުވީ ދެ ޕާޓީގެ މެދުގައި ވެފައިވާ އެގްރީމެންޓް ބުނާގޮތުން ކޯލިޝަން ރޫޅާ ނުލެވޭނެކަމަށާއި އެގްރީމެންޓްގައި ނެތްކަމަށް ކުރިމަތިވެއްޖެނަމަ މަޝްވަރާކުރަން އޮންނައިރު، ޕީޕީއެމުން އެގޮތަށް މަޝްވަރާކޮށްފައި ނުވާކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ