ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް އޮޅިގެން 70،000 ރުފިޔާ ޖަމާކޮށްފި

ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވީއިރު ބޮޑުތަނުން އިތުރުވެފައިވާކަން "ސަން"އަށް ކަށަވަރު ވެއްޖެއެވެ. "ސަން"އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުނީ ބައެއް މީހުންނަށް 70،000 ރުފިޔާ ވެސް އޮޅިގެން ޖަމާކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން މުވައްޒަފުންނަށް ވަނީ މުސާރައިގައި މައްސަލަ އުޅޭނެކަން އަންގާފައެވެ. ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް އަލީ "ސަން"އަށް ވިދާޅުވީ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވީއިރު އެކަހަލަ މައްސަލަތަކެއް އުޅޭ ކަމަށެވެ. "މުވައްޒަފުންނަށް މުސާރަ ޖަމާވީއިރު އެބަހުރި މައްސަލަތަކެއް. ބައެއް މުވައްޒަފުންނަށް 70000 ރުފިޔާ ވަނީ ޖަމާކޮށްފަ،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެނގިފައިވާ ގޮތުގައި ބައެއް މުވައްޒަފުންނަށް ލިބޭ މުސާރަ ވަނީ ބޮޑުތަނުން މަދުވެފައެވެ. އެގޮތުން ބައެއް މުވައްޒަފުންނަށް 6000 ރުފިޔާ އަދި 7000 ރުފިޔާ ވެސް މަދުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަ ޖަމާކުރުމަކީ ފިނޭންސް މިނިސްޓްރީން ކުރާ މަސައްކަތެކެވެ. މިކަމާ ގުޅިގެން ރަސްމީ އެއްވެސް ފަރާތަކުން އަދި ބަހެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ