ހޮޅުދޫ އަބްދުﷲގެ ވަކިވުމަކީ ގައުމަށް ލިބުން ހިތާމައެއް: ގާސިމް އިބްރާހީމް

މަޝްހޫރު ލަވަ ކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲ ހަސަންގެ ވަކިވުމަކީ ގައުމަށް ލިބުނު ހިތާމައެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
"ގައުމީ ގުރާ"ގެ ނަމުން މަޝްހޫރު ލަވަ ކިޔުންތެރިޔާ ހޮޅުދޫ އަބްދުﷲ މިއަދު އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
ހޮޅުދޫ އަބްދުﷲ އަށް ތައުޒިޔާ ވިދާޅުވެ ގާސިމް އިބްރާހީމް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ދިވެހިންގެ ރަންއަޑުގެ ވެރިޔާ ހޮޅުދޫ އަބްދުﷲ ގެ ވަކިވެ ދިއުމަކީ މުޅި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.
އަބްދުﷲ ހަސަންގެ އަކީ، ލަވަ ކިޔުއްވުމުގެ ރޮނގުން ރާއްޖޭގައި ނަން މަޝްހޫރު ބޭފުޅެކެވެ. ތަފާތު ލަވަތައް ކިޔުއްވައި އާންމުންގެ ކުރިމަތީގައި މަގްބޫލު ލަވަކިޔުންތެރިއެއްގެ މަޤާމު ހޯއްދަވާފައިވެއެވެ. އޭނާ ކިޔުއްވާފައިވާ ގައުމީ ލަވަތަކުގެތެރޭގައި އޯވަޒަން، ވަޠަން އެދޭގޮތަށް، ޖޯޝޭ ގެނައިމީ ގައުމީ އުފާ، ފަދަ މަޝްހޫރު ލަވަތައް ހިމެނެއެވެ.
މިރޭގެ މަޣްރިބް ނަމާދަށްފަހު އޭނާގެ ޖަނާޒާ ވަނީ ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ