ހިލްޓަނުން ސަންއަށް 16 މިލިއަން ޑޮލަރު ދައްކަން ނުޖެހޭ ކަމަށް ސުޕްރިމް ކޯޓުން ނިންމައިފި!

ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަން އިންޓަނޭޝަނަލް އިން އެއްބަސްވުމަކަށް ދިޔައީ މަކަރާއި ހީލަތުން ކަމަށް ބުނެ ސަން ޓްރެވަލްސް އެންޑް ޓުއާސްއިން ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުގައި ވެސް ނާކާމިޔާބުވެއްޖެ އެވެ.ހިލްޓަން އަށް ބޮޑު ބަދަލެއް ދިނުމަށް ސަން ޓްރެވަލްސްގެ އެންޑް ޓުއާސްގެ މައްޗަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އަންގާފައިވާ މި މައްސަލައަކީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން 2013 ގައި ބާތިލުކުރުމާއި ގުޅިގެން ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދިނުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ސަން ޓްރެވަލްސްގެ މައްޗަށް ނެރުނު ހުކުމް ތަންފީޒު ކުރުމަށް ހިލްޓަން އިން ހުށައަޅާފައިވާ މައްސަލައެކެވެ.ސިވިލް ކޯޓުން ސަން ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރަން އަމުރު ނެރުނީ ހިލްޓަން އިންޓަނޭޝަނަލް އިން އެ ކޯޓަށް ހުށައަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ ސަން ޓްރެވަލްސްގެ ހުރިހާ އެކައުންޓްތަކެއް ފްރީޒް ކުރުމަށާއި ކުންފުނީގެ އެކައުންޓްތަކުގެ ތަފްސީލު އެ ކޯޓާ ހިއްސާކުރުމަށް ވަނީ އަންގާފައެވެ.އެ ހުކުމް ހިލްޓަންއިން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން ނިންމީ ހިލްޓަންއާ އެއްކޮޅަށެވެ. ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދައްކަން ނުޖެހޭ ކަމާއި ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދައްކަން ސަން ޓްރެވަލްސްގެ މައްޗަށް ހައިކޯޓުން އެ މައްސަލައިގައި އެންގި އެވެ.ހައިކޯޓުން ބުނެފައިވާ ގޮތުގައި، ހިލްޓަން އާއި ސަން ޓްރެވަލްސްއާ ދެމެދު އޮތް އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ ދެމެދުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމެއް ހައްލު ކުރަން ޖެހެނީ ސިންގަޕޫރު އާބިޓްރޭޝަން މެދުވެރިކޮށެވެ. އަދި އެއްބަސްވުން ބާތިލްކުރި މައްސަލަ އާބިޓްރޭޝަނުން ނިންމާފައި ވަނިކޮށް ސަންއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ފާހަގަކުރީ ވެސް، އާބިޓްރޭޝަނުން ގޮތް ނިންމާފައި ހުރި ކަންތައްތަކެއް ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ.އެ ހުކުމް، ސަންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ދިގު އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި، މިއަދު އުއްތަމަ ފަނޑިޔާރު މުހުތަސިމް އަދުނާން ރިޔާސަތުގައި އިންނަވައި، މައްސަލާގައި ހުކުމް ވަނީ އިއްވާފަ އެވެ. އެ ހުކުމް އިއްވެވުމަށް ގާތްގަނޑަކަށް ދޮޅު ގަޑިއިރު ހޭދަވި އެވެ.ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހިލްޓަންގެ ފަރާތުން އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމުން އާބިޓްރޭޝަންގެ ހުއްދަ ނެތި އިތުރު އެއްވެސް ދައުވާއެއް ނުކުރަން ހިލްޓަން އާއި ސަން ޓްރެވަލްސްގެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. އަދި އާބިޓްރޭޝަނުން ވަކި ގޮތެއް ނިންމުމުން ދެން އޮންނާނީ އާބިޓްރޭޝަންގެ ނިންމުމަށް އަމަލު ނުކޮށް، އާބިޓްރޭޝަންގެ ބޭރުން މައްސަލަތައް ހުށަނޭޅޭ ގޮތަށް ކަމަށް އެ ހުކުމުގައިވެ އެވެ.ހުކުމުގައިވަނީ އާބިޓްރޭޝަނާ ބެހޭ ގާނޫނާއި އާބިޓްރޭޝަނާ ގުޅޭ ބޭރުގެ އުސޫލުތަކަށް ބަލާއިރު، ހައި ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ ސަބަބުތަކެއް ދެއްކިފައިނުވާ ކަމަށެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ