ސުޕްރީމް ކޯޓުގެ އަމުރާ ހެދި މުޅި ދުނިޔެ ރާއްޖެއަށް މަލާމާތްކުރެ: ރައީސް

ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ސޮއިކުރައްވާ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރެފައިވާ އަމުރުގެ ސަބަބުން މުޅި ދުނިޔެއިން ރާއްޖެއަށް މަލާމާތްކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އަމުރުގައި ބައިވެރިވި ފަނޑިޔާރުންނަށް މަލާމާތް ރައްދުވާ ގޮތަށް ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް ޔާމީން ވަނީ ޝަރުއީ ދާއިރާގެ އެންމެ ފަހު މަރުހަލާގައި ކަންކަން ނިންމަން ތިބޭ ފަނޑިޔާރުންގެ އަގަކީ ބޭރުގެ ގައުމަކުން އެންމެ ފްލެޓެއް ލިބޭ އަގުތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.
"ސްޕްރީމް ކޯޓުން އެ ކުރެއްވި ކަންތަކާ ގުޅިގެން މުޅި ދުނިޔެ ރާއްޖެއަށް މަލާމާތް ކުރޭ. ކޮބައިތޯ އަޅުގަނޑުމެންގެ އަގަކީ. އެޕާޓުމެންޓެއްތޯ؟ މިއީތޯ އެންމެ ފަހު މަރުހަލާގައި ފައިސަލާކޮށް ނިންމަން ތިބި މީހުންގެ އަގަކީ؟ މިއީ ދިވެހި ދައުލަތް. މިދައްކަނީ މީހަކަށް ބޮލަކަށް ޖެހޭ ވަރު 10000 ޑޮލަރަށް ހިނގައްޖެއޭ. މިއަދު މިދައްކަނީ ރާއްޖޭގައި ބިޔަ ބޮޑެތި ބުރިޖު އަޅާ ވާހަކަ. މިދައްކަނީ 1000 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން އެއާޕޯޓު ހަދާ ވާހަކަ. އެކަމަކު މިދަނީ ކަންކަން ނިންމަން އެންމެ މަތީ މަގާމުތަކުގައި ތިބޭ މީހުން ރާއްޖެއިން ބޭރުން އެންމެ ފްލެޓަކަށް އެމީހުންގެ ހުރިހާ ކަރާމާތެއް ގެއްލުވާލި ވާހަކަ،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގެ އިތުރުން ސިފައިންނާ ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. މިފަދަ ކަންކަމުން ދިވެހި ރައްޔިތުން ފިލާވަޅު ލިބިގަންނަން ގޮވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖޭގެ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވަނުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި ބޭރުގެ ބަޔަކު ދިވެހިންނަށް ހެޔޮއެދިގެން ނާންނާނެ ކަމަށެވެ.
ނުހައްގުން ދައުވާކޮށް ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުން ގުޅިފައިވާ ޕާޓީ ތަކުގެ ސަރުކާރެއްގައި މިނިވަންކުރާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެފައިވާ ރައީސް ޔާމީން ވަނީ އިބޫއަށް ރައްދުދެއްވާފަ އެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ ތަަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ކަމަށާއި ރާއްޖޭގެ ރަށްތަކަކީ މުޖުރިމުން ގިނަ ރަށްތަކަކަށް ވުމަށް ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި އެމްޑީޕީގެ ފަރާތުން އިބޫ އިންތިހާބުގައި ވާދަކުރައްވާތީ އިބޫ އާއި އެމްޑީޕީއަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ ޝަހުސިއްޔަތު ބަދަލުވެފައި ހުރި ނަމަވެސް ފަލްސަފާއަކީ އެކައްޗެއް ކަމަށެވެ. އެ ފަލްސަފާއިން މިދިޔަ ދުވަސްތަކުގައި ފެނުނީ ކަޅުއަނދިރިކަން ކަމަށާއި އެއީ އެންމެ މީހަކަށް ބަދަލުކުރެވޭނެ ފަލްސަފާއެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކުށްވެރިން ދޫކޮށްލުމަށް ގޮވާލުމުގެ ބަދަލުގައި ދައްކަންޖެހޭނީ ކަންކަން އިސްލާހުކުރުމަށް ކުރަންޖެހޭ ކަންކަމުގެ ވާހަކަ ކަމަށެވެ.
ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ދަރަނި އިތުރުވާ ގޮތަށް ބޮޑެތި އަދަދުތަކުން ލޯން ނަގައިގެން ކަމަށް ބުނެ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކަށް ވެް ރައީސް ޔާމީން ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދާ ގޮތް އެއީ ރައްޔިތުން ސުވާލު ކުރާ ކަމެއް ނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ އެމީހުންނަށް ބޭނުންވާ ކަންކަން ކޮށްދޭން ކަމަށެެވެ. ދަރަނި އިތުރުވާ ގޮތަށް ލޯން ނަގާތީ ސަރުކާރަށް ފާޑުކިޔާ އަޑުއިވިވަޑައިގަންނަވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންވެސް ކަންކަން ކުރަނީ ލޯން ނަގައިގެން ކަމަށެވެ.
ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށްވެސް 1000 މިލިއަން ޑޮލަރުގެ ލޯން ނަގާފައިވާ ކަމަށާއި ބޭރުގެ ގައުމުތަކާއި މާލީ އިދާރާތަކުން ރާއްޖެއަށް ލޯން ދޫކުރަނީ ލޯން ދެއްކޭނެ ކަމުގެ ގާބިލްކަން ލިބިފައިވޭތޯ ޔަގީންކުރުމަށްފަހު ކަމަށެވެ. ރާއްޖެއަށް ލޯނު ލިބެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީވެފައިވާތީ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ