މެމްބަރު އަމީތު ހައްޔަރުކޮށްފި

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގޮވާލައި މިއަދު ބާއްވާ ހިނގާލުން ފެށުމުގެ ކުރިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހައްޔަރުކޮށްފި އެވެ.
ދިވެހި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ފުރުސަތެއް ނެތް ކަމަށާއި މިހާރު އޮތް އިލެކްޝަންސް ކޮމިޝަން ބަދަލުކުރަންޖެހޭ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނަމުން ދާއިރު، މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދައި، ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި ހިނގާލުން ފެށީ އެމްޑީޕީގެ އޮފީސް ދޮރުމަތިންނެވެ.
އަމީތު ހައްޔަރުކުރީ އެމްޑީޕީގެ ދޮރުމަތީގައި އެއްވެފައި ތިބި ފަރާތްތަކާ ގުޅުމަށްޓަކައި އޭނާ ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. އަމީތު ހައްޔަރުކުރި ސަބަބެއް ނޭނގޭ ކަމަށް، އެއްވުން ކަވަރުކުރަމުންދާ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ބުންޏެވެ.
މި ހިނގާލުން ކުރިޔަށް ގެންދިޔުމަށް އެއްވެފައިތިބި މީހުން ސޯސަން މަގަށް ނުކުތުމާއެކު ފުލުހުން ވަނީ ހުރަސް އަޅާފައެވެ. މި އެއްވުމުގައި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ދަނީ ބައިވެރިވަމުންނެވެ. 
ގިނަ ދުވަސްތަކަކަށް ފަހު އެމްޑީޕީން ހިނގާލުމެއް މި ބާއްވަނީ ދިވެހި ސަރުކާރުގެ ވެރިންނާއި ސަރުކާރާ ވިޔަފާރިވެރިންނާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ. އަމީތު ހައްޔަރުކުރިއަސް، އިތުރު މީހަކު ހައްޔަރެއް ނުކުރެ އެވެ. އެހެން އެއްވުންތަކާ ހިލާފަށް އެއްވުން ފެށުމުގެ ކުރިން މީހުން ދުރުކުރިޔަސް، މިއަދު އެމްޑީޕީ އޮފީސް ސަރަހައްދަށް އެއްވެފައިވާ މީހުން ދުރެއް ނުކުރެ އެވެ.
މިއަދުގެ ހިނގާލުމުގައި ޕިކަޕާއި އަޑުގަދަކުރާ ވެސް ބޭނުންކުރަން ނިންމާފައިވާ ކަމަށް ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމް ބުނެ އެވެ.  
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ