103 މީހުންނާއެކު ދަތުރުކުރި މެކްސިކޯގެ މަތިންދާބޯޓެއް ވެއްޓިއްޖެ

103 މީހުންނާއެކު ދަތުރުކުރި މެކްސިކޯގެ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ. އެ މަތިންދާ ބޯޓު ވެއްޓިފައިވަނީ މެކްސިކޯގެ ޑުރަންގޯ ސިޓީން ފުރިތާ ގިނަ އިރުތަކެއް ނުވާނީސް ޑުރަންގޯ އެއަރޕޯޓާއި ތިންސަތޭކަ މީޓަރުގެ ދުރަށެވެ. އެ މަތިންދާ ބޯޓުގައި 103 މީހުން ތިބި އިރު އެއްވެސް މީހަކު މަރުނުވާކަމަށާއި ނަމަވެސް އަށްޑިހަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ. މަތިންދާ ބޯޓުގައި ތިބި މީހުންގެ ތެރޭގައި 97 ބޮޑެތި މީހުންނާއި، 2 ކުޑަކުދިންގެ އިތުރުން 4 ކްރޫއިން ހިމެނޭކަމަށް މެކްސިކޯގެ އޮފިޝަލުން ވަނީ އެ ޤައުމުގެ މީޑިއާތަކަށް މަޢުލޫމާތު ދީފައެވެ. އެ ހާދިސާ ދިމާވާން މެދުވެރިވީ މަތިންދާބޯޓު ފުރުމާއެކު ޖެހުނު ތޫފާނެއްގެ ސަބަބުން ބޯޓުގެ ވާތު ފިޔަ ބިމުގައި ޖެހި އިންޖީނަށް ގެއްލުންވެގެންކަމަށްވެސް އޮފިޝަލުން ބުނެއެވެ.އެ ހާދިސާއާއި ގުޅިގެން މެކްސިކޯގެ ބައެއް ފަރާތްތަކުންދަނީ މަތިންދާ ބޯޓު ނިސްބަތްވާ އޭރޯ މެކްސިކޯ އެއާ ލައިނާއަށް ފާޑުކިޔަމުންނެވެ. އެ ޤައުމުގެ މީހުން ބުނާގޮތުގައި މި ހާދިސާ ހިނގަން ދިމާވީ އެއާލައިންގެ އިހުމާލުންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ