ކަރަންޓު ބިލަށް ފައިސާ ދެއްކުން ފަސް ކޮށްދިނުމަށް ފުވައްމުލަކު ވިޔަފާރިވެރިން އެދިއްޖެ

ފުވައްމުލަކު ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓު ރޭޓަށް ގެނައި ބަދަލަށް އެކަށީގެންވާ ހައްލެއް ލިބެންދެން، އިތުރު ޖޫރިމަނާއެއް ނުވާ ގޮތަށް ކަރަންޓު ބިލަށް ފައިސާ ދެއްކުން ފަސް ކޮށްދިނުމަށް، ފުވައްމުލަކު ވިޔަފާރިވެރިން ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބްރާންޗުގައި އެދިއްޖެއެވެ.
ކަރަންޓު ބިލުގެ ރޭޓްތަކަށް ގެނައި ބަދަލާއި ގުޅިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް އިއްޔެ ފުވައްމުލަކު ފެނަކަ ކޯޕަރޭޝައާއި އެކު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ބުނީ ކުރިން އެންގުމަކާއި ނުލާ ކަރަންޓް ބިލަށް އެހާ ބޮޑު ބަދަލެއް ގެނައުމުން އެކަން ކުވެރި ކުރާ ކަމަށާއި އަދި މިމައްސަލައަށް ހައްލެން ލިބެންދެން ޖުރިމާނާ ކުރުމެއް ނެތި ކަރަންޓް ބިލަށް ފައިސާ ދެއްކުން ފަސްކޮށް ދިނުމަށެވެ.
މި ބައްދަލުވުގައިވެސް ވިޔަފާރިވެރިން ބުނެފައިވަނީ ތަކެތީގެ އަގުތައް އަތް ނުފޯރާފަށަށް ބޮޑު ކުރުމަކީ ހައްލެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި ކަރަންޓް ބިލަށް އައި ބަދަލަކީ ސަބްޒިޑީޒް ނުވަތަ ފިއުލް ސާޗާޖް ކަނޑާލުމުން އައި ބަދަލެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނަމުން ދިޔަ ނަމަވެސް ފުވައްމުލަކު ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓް ބިލަށް ދިމާވެގެން އުޅޭ މައްސަލައަކީ އެއީ ނޫން ކަމަށް ވިޔަފާރިވެރިން ބުންޏެވެ.
ބައްދަލުވުމުގައި ބައިވެރި ވިޔަފާރިވެރިއަކު ބުނި ގޮތުގައި ކަރަންޓް ބިލުން ފިއުލް ސާޗާޖް ނަގަން ފެށިފަހުން މިހާތަނަށް ވެސް ފުވައްމުލަކުގެ ވިޔަފާރި ވެރިން އައީ ފިއުލް ސާޗާޖަށް ވާ ފައިސާ ސަރުކާރަށް ދައްކަމުންނެވެ.
"ހަގީގަތުގައި ޖެހިގެން މިއުޅޭ މައްސަލަ އަކީ 301 ޔުނިޓުން މައްޗަށް ނަގަމުން އައި 3.50 ލާރި 6.00 ރުފިޔާއަށް ބޮޑު ކުރުން. މިއީ ވަރަށް ބޮޑު ބަދަލެއް، މިހާ ބޮޑު އަދަދެއް ނަގައިގެން ވިޔަފާރިން ދެކޮޅު ޖައްސާނީ ކިހިނެއްތޯ؟ އަދި 301 ޔުނިޓުން ދަށް ބޭންޑް ތަކަށްވެސް ބަދަލެއް، މިހާ ބޮޑު އަދަދެއް ނަގައިގެން ވިޔާފާރިން ދެކޮޅު ޖައްސާނީ ކިހިނެއްތޯ؟" 301 ޔުނިޓުން ދަށް ބޭންޑް ތަކަށްވެސް ބަދަލުގެނެސްފައިވާކަން އެ ވިޔަފާރިވެރިޔާ ފާހަގަ ކުރިއެވެ.
ފެނަކަ ކޯޕަރޭޝަންގެ އިސްފަރާތްތައް އެ ވިދާޅުވާ ސަބްސިޑީޒް ފުވައްމުލަކުގެ ވިޔަފާރި ވެރިންނަށް މިހާތަނަށްވެސް ލިބިފައިނުވާކަން ފެނަކަ ކޯޕަރޭޝަންގެ ވެރިންނަށް ނޭނގޭނަމަ އެކަން އެބޭފުޅުންނަށް ސާފުކޮށްދެއްވުމަށްވެސް ބައްދަލުވުމުގައި ބައިވެރިވި ވިޔަފާރިވެރިން ވަނީ ފުވައްމުލަކު ފެނަކަ ކޯޕަރޭޝަންގައި އެދިފައެވެ.
ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބްރާންޗްގެ ފަރާތުން ވާހަކަ ދައްކަވަމުން އެކުންފުނީގެ އެގްޒެކެޓިވް މެނޭޖާރ މުހައްމަދު ތޯރިޤް އަހުމަދު ވިދާޅުވީ، ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ފެނަކަ ކޯޕަރޭޝަންގެ އިސްފަރާތްތަކާއި ހިއްސާ ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ކަރަންޓް ބިލްގެ ރޭޓްތައް ކުޑަކުރުމަށް ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބްރާންޗަށް ކޮށްދެވޭނެ ކަމައް ނެތް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓް ބިލުތައް މި މަހުން ފެށިގެން ބޮޑުވެފައިވާތީ ފުވައްމުލަކު ވިޔަފާރިވެރިން ޕެޓިޝަނެއްގައި ސޮއި ކުރަން ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ