އިތުރު ފަރުވާއަށް ކުރީގެ މެމްބަރު އީސަ ލަންކާއަށް ގެނެސްފި

ކޮލޮމްބޯއިން މާހިލް މުހައްމަދު
މެއި އެއްވަނަ ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ބަންދުގައި ހޭދަކުރި އިރު ފުލުހުން އަނިޔާކުރި ކަމަށް ބުނެ ޒަޚަމްތަކެއް ލިބިފައިވާ، އެމްޑީޕީއަށް ނިސްބަތްވާ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އީސާ އިތުރު ފަރުވާ ދިނުމަށް ސްރީލަންކާގެ ކޮލޮމްބޯއަށް ގެނެސްފިއެވެ.
އީސަ ކޮލޮމްބޯއަށް ގެނެސްފައި ވަނީ މިރޭ 19:00 ހާ އިރުއެވެ. އޭނާ ކޮލޮމްބޯއަށް ގެނައި ގޮތަށް، އެމްބިއުލާންސްއަކަށް ލާފައި ހޮސްޕިޓަލަށް ގެންދިޔަ މަންޒަރު "ވަގުތު"ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.
އެމްޑީޕީން ބުނަމުންދާ ގޮތުގައި އީސަ ހައްޔަރުކުރިއިރު، އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ. އަދި އޭނާ ފުލުހުންގެ ވެހިކަލަކަށް އަރާފައިވަނީ ވެސް ހިނގާފައި ގޮހެވެ. ނަމަވެސް އީސަ ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުވެފައިވަނީ ފުލުހުންގެ އެހީތެރިކަމާއިއެކު ކޮރު ޖަހަމުންނެވެ. އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ފުލުހުންގެ ބަންދުގައި ބައިތިއްބާފައި ތިބިއިރު އީސައަށާއި މުޒާހަރާގެ ބައެއް ބައިވެރިންނަށް ވަނީ އަނިޔާކޮށްފައެވެ.
އީސަ މިއަދު ވަނީ ހައްޔަރުން ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލީ، އޭނާގެ މައިބަދައަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އެދިފައި ވުމުންނެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި އީސަ ވަނީ ޑޮކްޓަރުގެ ލިޔުމެއްވެސް ހުށަހަޅުއްވާފައެވެ.
އީސަ ހައްޔަރުން ދޫކޮށްލާފައިވާ އިރު، އޭނާ ކޮލޮމްބޯއަށް އައުމުގެ ކުރިން، މާލޭގެ އޭޑީކޭ ހޮސްޕިޓަލުންވެސް ވަނީ ފަރުވާ ހޯއްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ