ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ޕީޕީއެމަށް ސޮއި ކުރައްވައިފި އެވެ.
މުހައްމަދު ރަޝީދު ސޮއިކުރެއްވީ މިއަދު ހަވީރު 5:30 ގައި ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ނޫސްވެރިންގެ މިބައްދަލުވުމުގައި ޕީޕީއެމްގެ ދެ ނައިބް ލީޑަރުން ކަމުގައިވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި، ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބްގެ އިތުރުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާއި، ވިލިމާފަންނު ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ބައިވެރިވެވަޑައިގެންނެވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ރަޝީދު ވިދާޅުވީ އޭނާ މިއަދު ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ނިންމެވި ނިންމެވުމަކީ އުދަގުލުން ނިންމެވުނު ނިންމެވުމެއް ކަމަށެވެ. ނަމަވެސް ޕީޕީއެމްއަށް ސޮއިކުރެއްވީ އައްޑޫ ސިޓީއަށް ތަރައްގީ ގެނައުމަށާއި، އަދި އައްޑޫ ސިޓީގެ ޒުވާނުންނަށް ރަގަޅު ގޮތް އެދޭތީ ސަރުކާރާއި ގުޅިގެން އައްޑޫ ސިޓީއަށް ކަންތައްތަކެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
މުހައްމަދު ރަޝީދު ވިދާޅުވީ އޭނާ ޕީޕީއެމްއާ މިއަދު ގުޅިވަޑައިގަތުމަށްފަހު އޭނާ މީގެ ކުރިން ހުންނެވި އެމްޑީޕީގައި އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރެއްވި ގޮތަށް ކުރިއަށް އޮތް ދުވަސް ތަކުގައި ޕީޕީއެމްއާއެކުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އޭނާ ޕީޕީއެމްއަށް ސޮއިކުރައްވާފައި މިވަނީ މިއަދު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމަށް ނެގުނު ވޯޓުގައި އެމްޑީޕީން ނެރެފައިވާ ތްރީލައިންވިޕާ ހިލާފަށް ބައެއް ވަޒީރުންނަށް ވޯޓް ދެއްވުމާއި ގުޅިގެން އޭނާއާއި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުންނާ ދެމެދު ހިޔާލު ތަފާތުވެފައިވަނިކޮށެވެ.
މުހައްމަދު ރަޝީދު މިއަދު ޕީޕީއެމްއަށް ސޮއިކުރައްވާފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާ މިހާރު ވެސް މެންބަރުކަން ކުރައްވަމުން ގެންދަވާ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް އޭނާ ވަނީ ފޯމް ހުށަހަޅުއްވާފަ އެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު ޕީޕީއެމަށް ސޮއި ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ