ދީނުގައި އޮތްގޮތަށް ނޫނީ ގިސާސެއް ނުހިފޭނެ: ރައީސް މައުމޫން

އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް މެނުއީ ގިސާސު ނުހިފޭނެކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ގިސާސު ހިފުމާއި ގުޅޭގޮތުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ދީނީ އިލްމު އުނގެނިވަޑައިގެން ހުންނެވި ކުރީގެ ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ އެއްވެސް އިސްލާމީ ދައުލަތަކަށް ގިސާސުގެ ހުކުމް ތަންފީޒްކުރެވޭނީ އިސްލާމްދީނުގައި ކަނޑައަޅާފައިވާގޮތަށް ކަމަށެވެ. ނުވަތަ އިސްލާމްދީނުގައި ކަނޑައަޅާފައިވާގޮތަށް މެނުއީ ގިސާސު ހިފުމުގެ ހައްގު އެއްވެސް އިސްލާމީ ދައުލަތަށް ލިބިގެން ނުވާކަމަށެވެ.
ރައީސް މައުމޫން ގިސާސު ހިފުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވާއިރު، މަޝްހޫރު ދީނީ މަޝްހޫރު ދީނީ އިލްމްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލުމުގެ ކުށް ސާބިތުވެފައިވާ ގާތިލް ހ. ލޮބީ، ހުސައިން ހުމާމް މެރުމަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނިކޮށެވެ.
ހުމާމު މެރުމަށް ޝަރުއީ ހުރިހާ މަރުހަލާއަކުން ހުކުމްކޮށްފައިވާއިރު، ހުމާމު މަރުން ފަސްކުުރުމަށް އޭނާގެ އާއިލާއިން ވަނީ ކޯޓްގައި އެދިފައެވެ.
އަފްރާޝީމްގެ ދެ ވާރިސަކު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ހުމާމުގެ މައްޗަށް މަރުގެ އަދަބު ދިނުމަށް މިވަގުތު ބޭނުން ނުވާ ކަަމަށެވެ. މި ސިޓީގައި ބުނެފައިވަނީ އަފްރާޝީމް އަވަހަރާކޮށްލަން ބަޔަކު ފައިސާ ދިން ކަމަށް ފުލުހުން ބުނާއިރު އެބައެއް އަދިވެސް ހޯދިފައި ނުވާ ކަމަށާއި މިފަދަ އެތައް ކަމަކާ ހުރެ މިމައްސަލައިގެ ތަހުގީގު އަދި ފުރިހަމަވެފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ގިސާސް ހިފަން ބޭނުން ނުވަނީ އެކަންކަން އަދި ފުރިހަމަ ވެފައި ނުވާތީ ކަމަށްވެސް ސިޓީގައިވެ އެވެ.
ހުމާމުގެ މައްޗަށް މަރުގެ އަދަބު ދިނުމަށް އަދި ބޭނުން ނުވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ސިޓީ ފޮނުވީ އަފްރާޝީމްގެ ބައްޕާފުޅު އަލީ ޒާފިރުއާއި އަފްރާޝީމްގެ އެއްބަނޑުއެއްބަފާ ބޭބެ އަބްދުއްނާސިރު އަލީ އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އެމަނިކުފާނު އޭރު ދިރިއުޅުއްވި ހ. ފުންވިލު ގޭގެ ސިޑިމަތިންނެވެ.
ސަރުކާރުން މީގެ ކުރިން ބުނީ މަރުގެ މައްސަލައެއްގައި މީހަކު މެރުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިނަމަ އެ ހުކުމް އިއްވާތާ 30 ދުވަހުގެ ތެރޭގައި އެމީހެއްގެ ހުކުމް ތަންފީޒު ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ