ފިލްމު "83" ގައި ހީވަނީ ރަންވީރާއެކު އަލަށް މަސައްކަތެއް ކުރެވުނުހެން: ދިޕިކާ

ފިލްމު "83" ގައި ފިރިމީހާ ރަންވީރް ސިންގް އާއެކު މަސައްކަތް ކުރުން ވެގެން ދިޔައީ މުޅިން އަލަށް އޭނާއާއެކު ފިލްމެއްގެ މަސައްކަތް ކުރުންފަދަ ތަޖުރިބާއަކަށްކަމަށް ބަތަލާ ދިޕިކާ ޕަދުކޯން ބުނެފިއެވެ.
ދިޕިކާއާ ރަންވީރް ކައިވެނިކުރުމުގެ ކުރިން ތިން ފިލްމެއްގައި އެކީގައި މަސައްކަތްކޮށްފައިވެއެވެ. އެއީ ބަންސާލީގެ ތިން ފިލްމުކަމަށްވާ "ގަލިޔޯކީ ރަސްލީލާ ރާމްލީލާ"، "ބާޖީރާއޯ މަސްތާނީ"، އަދި "ޕަދްމާވަތް" އެވެ. މިތިން ފިލްމަކީވެސް ޕީރިއަޑް ކްލާސިކް އެކެވެ. ތިން ފިލްމު ނިމޭއިރުވެސް ދެމީހުންގެ ތެރެއިން އެކަކު ނުވަތަ ދެމީހުން މަރުވެއެވެ. އަދި ތިން ފިލްމަކީވެސް އެކަކު އަނެއްގެ ލޯތްބަށް ހަނގުރާމަކުރާ ތިން ފިލްމެވެ.
Articl Inline Image
ދިޕިކާ ބުނީ "83" އަކީ ރަންވީރާއެކު ކުރެވުނު މިފަދަ ފުރަތަމަ ފިލްމުކަމަށެވެ. ފިލްމުގެ މަންޒަރުތައް ނެގިއިރު ދެމީހުން މީގެ ކުރިން މަސައްކަތްކޮށްފައިވާކަމުގެ އިހުސާސް ނުކުރެވޭކަމަށާއި އަދާކުރަން ޖެހުނު ރޯލުގެ ގޮތުން ދެމީހުންނަށްވެސް އުނދަގޫވިކަމަށް ދިޕިކާ ބުންޏެވެ.
އެހެންނަމަވެސް ދެމީހުންނަށް ކުރެވުނު ތަޖުރިބާއާމެދު ހިތްހަމަ ޖެހޭކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ދެމީހުން އެކީގައި މިފަދަ ކޮންޓެމްޕަރަރީ ފިލްމުތައް ކުޅެން ބޭނުންކވާކަމަށް ދިޕިކާ ބުންޏެވެ.
"83" އަކީ 1983 ވަނަ އަހަރު އިންޑިޔާގެ ތާރީހީ ވޯލްޑްކަޕްގެ ކާމިޔާބީގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ. ފިލްމުގައި ރަންވީރް އަދާކުރާނީ އެއަހަރު އިންޑިޔާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ކަޕިލް ދޭވްގެ ރޯލެވެ. ދިޕިކާ އަދާކުރާނީ ކަޕިލްގެ އަންހެނުން ރޯމީ ދޭވްގެ ރޯލެވެ.
ކަބީރް ޚާން ޑައިރެކްޓުކުރާ މިފިލްމު ރިލީޒްވާނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ