މަސްވެރިންނަށް ދޭން ޖެހިފައިހުރި ފައިސާ ވަރަށް އަވަހަށް ދޭން ފަށާނަން: ރައީސް

ސަރުކާރުގެ މަސް ކުންފުނިތަކުން، މަސްވެރިންނަށް މިހާތަނަށް ދޭން ޖެހިފައި ހުރި، 68 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން އިއްޔެ ދޫކޮށްފައިވާކަމަށާއި، އުންމީދު ކުރައްވަނީ ކުރިއަށް މިއޮތް ދެތިން ދުވަހުގެ ތެރޭގައި މަސްވެރިންނަށް އެ ފައިސާ ލިބުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވެވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ، މަސްވެރިކަމުގެ ޞިނާޢަތު ފުޅާވަމުން އަންނަ ވަރަށް، މަސްވެރިކަމުގެ ބާޒާރު ތަނަވަސްނުވުމުގެ ޝަކުވާކަމަށާއި، މި ސަރުކާރުގެ އިޤްތިޞާދީ ތަޞައްވުރަކީ މަސްވެރިކަމާއި ކަނޑުގެ ވެއްޓާ ނުހަނު ގުޅިލާމެހިފައިވާ ތަސައްވުރެއްކަން ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމުން، އަޅުގަނޑުމެންނަށް ޙާޞިލްކުރެވެނީ ވަރަށް މަދު މިންވަރެއް. ރާއްޖޭގެ ގިރިފަރުތަކާއި ކަނޑުފަޅުތަކުގައި، އަޅުގަނޑުމެންނަށް ޙާޞިލްކުރެވޭނެ ކިތަންމެ މަންފާތަކެއް އަދިވެސް އެބަހުރި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަސްވެރިކަމުގެ ވިޔަފާރިފުޅާކޮށް، މަސްވެރިން ބާނާ މަހަށް، ހަމަ އަގު ހޯދައިދިނުމަކީ މި ސަރުކާރުގެ ވަޢުދެއްކަން ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި މި ސަރުކާރުގެ އަމާޒަކީ މަސްވެރިކަމަށް ކުރަންޖެހޭ ޚަރަދު ވީހާވެސް ކުޑަކުރުންކަމުގައި ވިދާޅުވިއެވެ.
"ބޭރުގެ މަސްބޯޓުތައް، ރާއްޖޭގެ ކަނޑުތަކުގައި އެއްވެސް ސިފައެއްގައި މަސްވެރިކަން ކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ނޫން. ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ރާއްޖޭގެ މަސް ގަންނަން ބޭނުންވާ ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް، މެދުވެރިއެއް ނެތި، މަސްދޯނިފަހަރުން އެ ބޯޓުތަކަށް މަސް ވިއްކޭނޭ މަގު ފަހިކޮށްދިނުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މަސްވެރިން އެންމެ ބޮޑު ހޭދައެއް ކުރަނީ، ދޯނިފަހަރު ދުއްވުމަށް ބޭނުންވާ ޑީސަލް ގަތުމަށްކަމަށާއި، ވެރިކަމަށް އައުމަށް މި ސަރުކާރުން ވަޢުދުވީ ފަދައިން، މަސްދޯނިފަހަރުގައި ބޭނުންކުރާ ޑީސަލުން އިމްޕޯޓް ޑިއުޓީ ކަނޑައިލުމަށް، މި ހަފުތާގައި ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި، ރަށްރަށުގައި ކުދި މަސް ޕްލާންޓް ޤާއިމުކުރުމަށް ބޭނުންވާ ވަސީލަތްތައް ތަޢާރަފްކުރުމަކީ ވެސް، މި ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މި ސަރުކާރުގެ އަމާޒަކީ، މިފްކޯއަކީ ފައިދާއާ އެކު ހިނގާ ކުންފުންޏަކަށް ބަދަލުކުރުން. އަޅުގަނޑުމެން މިހާރު މި ދަނީ އެކަމުގެ މަޝްވަރާތައް ކުރަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި، މިފްކޯއަކީ ފައިދާވާ ކުންފުންޏެއް ކަމުގައި އަޅުގަނޑުމެންނަށް ހެދޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންނާ ބައްދަލުކުރައްވައި އެމީހުންނަށް ދިމާވެފައިވާ ދަތިތަށް އޮޅުން ފިލުއްވައި މަސްވެރިންނަށް އެންމެ ފައިދާވާ ގޮތަށް  މަސްވެރިކަން އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަސްވެރިންނާ މަޝްވަރާކުރައްވާ ވާހަކަފުޅުދައްކަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ