ކާނަލް ނާޒިމާއި ކުރީގެ މެމްބަރު ނާޒިމްގެ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން އަމުރުކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ނާޒިމަށްކޮށްފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ސްޕްްރީމް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން  ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެ ދެބޭފުޅުންނާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކުރާ ކަމުގައި ވަނީ ބަޔާންްކޮށްފައެވެ. އަދި  ސްޕްރީމް ކޯޓުން ނެރުނު ވަކިވަކި ދެ އަމުރުގައިވާ ގޮތުން  އެ ދެބޭފުޅުންނަށް ކޮށްފައިވާ ހުކުމް ރިވިއު ކޮށްދިނުމަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުން އެ ދެބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމްތައް ތަންފީޒު ކުރުން ވަގުތީ ގޮތުން ފަސްކުރުމަށް އަމުރު ކުރާ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
ފިސްތޯލަ ފެނުނު މައްސަލާގައި ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މީގެ ތިން އަހަރު ކުރިން، 2015 ވަނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ.
މަކަރާއި ހީލަތުގެ ކުށް ސާބިތުވުމާ ގުޅިގެން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި ނާޒިމް 25 އަހަރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މީގެ ތިން އަހަރު ކުރިން، 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުއެވެ. އެހެންނަމަވެސް ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަމުން ބޭސްފަރުވާއަކަށް ކަމަށް ބުނެ ނާޒިމް ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ރައީސް ނަޝީދާއި، ޝައިޚް އިމްރާންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށްވެސް އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ