ބޮޑު މުޒާހަރާއެއް ދެން ކުރަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް - އުމަރު

އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ޖެހޭކަމަށާއި ދެން ރާއްޖޭގައި ކުރާ އެންމެ ބޮޑު މުޒާހަރާ ކުރާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އުދުހެނީ ސަރުކާރުގެ ކޮންޓްރޯލު އޮވެގެން ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ހަވާލާދީ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް އެޓޭޗް ކުރައްވައި އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި އެވެ.
އުމަރު ވިދާޅުވީ ޝާހިދު އެހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި މި އުޅަނދުތައް އުދުހެނީ އިންޑިއާގެ ދިއްލީން ދޭ އޯޑަރަކަށް ކަމަށާއި އެމްއެންޑީއެފްގެ އޯޑަރަށް ނޫން ކަމަށެވެ.
"ރާއްޖެއަށް މި ހެލިކޮޕްޓަރު ގެނެވުނު ފަހުން ރާއްޖޭގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ތިން ބޭފުޅަކާ އަޅުގަނޑު ސުވާލުކުރިން. އެބޭފުޅުން ވިދާޅުވީ މި އުޅަނދުތައް އުދުހެނީ އިންޑިއާގެ ދިއްލީން ދޭ އޯޑަރަކަށް ކަމަށް. އެމްއެންޑީއެފްގެ އޯޑަރަށް ނޫން ކަމަށް." އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ޖެހޭ ކަމަށާއި ސިޔާސީ ލީޑަރުންނަށް ސުޕާރީ ދެއްވައިގެން ގައުމުގެ މިނިވަންކަމާ ގުޅުން ހުރި ކަންކަން ހިންދައިލެވިދާނެ ކަމަށް ހީކުރެވޭ ނަމަ އެއީ ކުށް ހީއެއް ކަމަށެވެ.
"އިންޑިއާގެ ނިޔަތް ސާފު ނަމަ، އެގައުމުން އެއްބަސްވެ ސޮއިކޮށްފައިވާ ގޮތަށް ދިވެހި ސިފައިން ތަމްރީނު ނުކުރަންވީ އެއްވެސް ސަބަބެއް ނެތެއް ,އިންޑިއާ ސިފައިން ރާއްޖޭން ފައިބަން ޖެހޭ. ސިޔާސީ ލީޑަރުންނަށް ސުޕާރީ ދެއްވައިގެން ގައުމުގެ މިނިވަންކަމާ ގުޅުން ހުރި ކަންކަން ހިންދައިލެވިދާނެ ކަމަށް ހީކުރެވޭ ނަމަ އެއީ ކުށް ހީއެއް." އުމަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އިންޑިއާ އިން ފުރަތަމަ އެއްބަސްވީ ދެއަހަރު ތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ދިވެހި ސިފައިން ޓްރޭނިންކޮށް ދިވެހިންނާއި ހެލިކޮޕްޓަރުތައް ހަވާލުކުރާށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތައް އިންޑިއާ އިން އަމަލު ކޮށްފައެއް ނުވެއެވެ.
ޔާމީންގެ ސަރުކާރުން ހެލިކޮޕްޓަރުތައް ބޭނުން ކުރުން ހުއްޓާލާ ހެލިކޮޕްޓަރުތަކާއި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށްދާން އެނގިއެވެ. ނަމަވެސް އެއެންގުމަށް އިންޑިއާ އިން ބޯލަނބާފައެއް ނުވެއެވެ.
ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން ހެލިކޮޕްޓަރުތައް ރާއްޖޭގައި ބަހައްޓަން ނިންމާ، އިންޑިއާ ސިފައިންގެ ވިސާ ވަނީ އާކޮށްދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ