ބޯންމެރޯ ހެދުމަށް ފަސް ކުއްޖަކު ވަރަށް އަވަހަށް ރާއްޖޭން ބޭރަށް ފޮނުވާނެ: އުމަރު

ބޯންމެރޯ ހެދުމަށްޓަކައި ފަސް ކުއްޖަކު ވަރަށް އަވަހަަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް އިން ބުނެފި އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކްސް ޑރ. އަހްމަދު އުމަރު ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޯންމެރޯ ޓްރާންސްޕްލޭންޓް ހެދުމަށްޓަކައި ސިއްހީ ގޮތުން ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަ ވެފައި ތިބި ފަސް ކުއްޖަކު މިއަހަރު ތެރޭގައިވެސް ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް މީގެކުރިން ފޮނުވާފައިވާ ކަަމަށެވެ. މިތަނުން އެއް ކުއްޖެއްގެ ޑޯނާގައި ހުރި މައްސަލައެއްގެ ސަބަބުން ބޯންމެރޯ ނުހެދުނު ނަމަވެސް ބާކީ ތިބި ހަތަރު ކުދިންގެ ބޯންމެރޯ ހެދުނު ކަމަށްވެސް ވިދާޅުވި އެވެ.
ޑރ. އަހުމަދު އުމަރު ވިދާޅުވީ މިހާރުވެސް މި ޝަރުތުތައް ހަމަވާ ފަސް ކުއްޖަކު އެބަތިބި ކަމަށާއި ވީހާވެސް އަވަހަށް މި ފަސް ކުދިންވެސް ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބޯންމެރޯ ހަދަންޖެހޭ ކުދިން ރާއްޖެއިން ބޭރަށް ފޮނުވަނީ ޒަކާތު ފަންޑުގެ އެހީގައި ކަަން ފާހަގަކުރައްވާ ޑރ. އަހުމަދު އުމަރު ވިދާޅުވީ ކޮންމެ އަހަރަކުވެސް ރާއްޖެއިން ބޭރަށް ފޮނުވާ ކުދިންގެ އަދަދު ކަނޑައަޅަނީ ފަންޑް ލިބޭ ވަރަކަށް ބަލައިގެން ކަމަށެވެ.
ޑރ. އަހްމަދު އުމަރު އިތުރަށް ވިދާޅުވީ ތެލަސީމިއާ ކުދިން އުފަންވާ މިންވަރު މަދުކުރުމުގެ މަގުސަދުގައި މުޅި ރާއްޖެއަށް އަމާޒު ކޮށްގެން ތެލަސީމިއާއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
މީގެ ކުރިންވެސް ތެލަސީމިއާ އަށް އަހުލުވެރިކުރުވުމުގެ ގޮތުން ތެލަސީމިއާ ސެންޓަރުގެ ފަރާތުން ގިނަ ޕްރޮގްރާމްތަކެއް ވަނީ ހިންގާފަ އެވެ. އެގޮތުން އަލަށް ކައިވެނި ކުރާ ފަރާތްތަކަށް ތެލަސީމިއާ އާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރުމުގެ ސެޝަންތައް ތެލަސީމިއާ ސެންޓަރުގެ ފަރާތުން ފުޅާ ދާއިރާއެއްގައި ވަނީ ހިންގާފަ އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ތެލޭސިމިއާ ކުދިންގެ ގޮތުގައި 18 ކުދިން ވަނީ ރަޖިސްޓްރީކޮށްފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ