ދީނާ، ގައުމިއްޔަތަށް ލޯބިކުރާ އެންމެން އަލުން ސިޔާސީ މަސައްކަތަށް ޖަމާވާންޖެހޭ: އުމަރު

ދީނާ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ އެންމެން އަލުން ސިޔާސީ މަސައްކަތަށް ޖަމާވާންޖެހޭކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ކުރީގެ މިނިސްޓަރު އުމަރު މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
އުމަރު ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވީ ދީނާ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ އެންމެން އަލުން ސިޔާސީ މަސައްކަތަށް ޖަމާވާންޖެހޭކަމަށާ އެހެން ނޫނީ ބޮޑެތި މިލިޓަރީ ބާރުތަކުން ސަރުކާރުގެ މައްޗަށް ނުފޫޒު ހިންގާ، މިގައުމުގެ އަމިއްލަވަންތަކަން ގެއްލިދާނެކަމަށެވެ.
މިއީ ޖަޒީރާ ރާއްޖެއެއް ނޫންކަމަށާ މިއީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ފަޚުރުވެރި މިނިވަން ދިވެހިރާއްޖެއެއްކަމަށްވެސް އުމަރު ވަނީ ވިދާޅުވިއެވެ. އަދި އެ މިނިވަންކަމުން އެންމެ ތަންކޮޅެއްވެސް ދޫނުކުރައްވާނެކަމަށް އުމަރުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ދީނާ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ އެންމެން އަލުން ސިޔާސީ މަސައްކަތަށް ޖަމާވާންޖެހޭކަމަށާ އެހެން ނޫނީ ބޮޑެތި މިލިޓަރީ ބާރުތަކުން ސަރުކާރުގެ މައްޗަށް ނުފޫޒު ހިންގާ، މިގައުމުގެ އަމިއްލަވަންތަކަން ގެއްލިދާނެކަމަށް އުމަރު ވިދާޅުވެފައިވަނީ ސީދާ ކޮންކަމަކަށް އަމާޒުކޮށްގެންކަމެއް ވިދާޅުވެފައެއްނުވެއެވެ.
ނަމަވެސް އެއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން އިންޑިއާއި އާދަޔާ ޚިލާފު ގާތްގުޅުމެއް ބާއްވަވާ، ރާއްޖޭގައި އިންޑިއާގެ ސަލާމަތީ ބާރުތަކަށް އިތުރު ފުރުސަތުތަކެއް ދިނުމަށް މިސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވާ ވިދާޅުވި އެއްޗެއްކަމަށް ބެލެވެއެވެ.
އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރު ގެނައުމަށްވެސް މަސައްކަތް ކުރައްވާފައިނުވާ އުމަރު ނަސީރު ވަނީ އައު ސަރުކާރާއި ގުޅުމަށްވެސް ޚިޔާލުނުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވެވަޑައިގަންނަވާނީ އިދިކޮޅު ލީޑަރަކަށްކަމަށް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގައި ރައީސް މައުމޫނާއެކު، އަދި ޖުމްހޫރީ ޕާޓީގައި ގާސިމް އިބްރާހިމާއެކުވެސް މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ އުމަރު ނަސީރު ވަނީ އައު ސަރުކާރާއެކު އުންމީދުތަކެއް ނުފެންނަކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ