ރައްޔިތުން ހާސްވާންޖެހޭ ކަމެއް މިވަގުތު ނެތް ކަމަށާއި މާލޭގައި ބޮޑުވި ފެންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
ފަޔާ އެންޑް ރެސްކިއު ސާވިސްގެ (އެފްއާރުއެސް)ގެ ކޮމާންޑާ ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ ފެންގަނޑު ކޮންޓްރޯލްކޮށް އާއްމު ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ. އަދި އާއްމުންނަށް ހިނގައިބިނގައިވެ އުޅެވޭ ވަރަށް ފެން ބޭރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެއަށް މިރޭ އިތުރަށް ވާރޭ ނުވެހިއްޖެނަމަ ކުރިއަށް އޮތް ދެ ގަޑިއިރުގެ ތެރޭގައި ފެން ހިންދާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭގެ މަގަކުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވި ގޮތުގައި މިހާރު އެންމެ ބޮޑަށް ފެން ބޮޑުވެފައި ހުރީ އައިޖީއެމްއެޗް ސަރަހައްދުގަ އެވެ. އެއީ ގާތްގަނޑަކަށް 10 އިންޗި އެވެ.
"ފެނުގެ ކަންތައްތައް މިވަނީ ކޮންޓްރޯލްކުރެވިފައި. އެހެން ނަމަވެސް އަޅުގަނޑުމެންގެ މަސައްކަތްތައް މިރޭ އެއްކޮށް ވެސް ގެންދާނަން،" އެފްއާރުއެސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.
ޒުހުރީ ވިދާޅުވީ ފެން ހިންދުމުގެ މަސައްކަތަށް ގިނަ ބައެއްގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ކަސްޓަމްސްއާ ގުޅިގެން ވެލި ބަސްތާ ޖަހަމުން އަންނަކަން ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އުރީދޫން ވެސް ވަނީ، ފެނަށް އަރައިގެން ހިނގާ ކަހަލަ 50 ގަންބޫޓު ހަދިޔާކޮށްފަ އެވެ.
ފެން ހިންދުމަށްޓަކައި މިހާރު ނުވަ ޕަމްޕު ބޭނުންކުރަމުން އަންނަ ކަމަށާއި އަދި އިތުރަށް ވާރޭވެހި ފެންބޮޑުވެއްޖެނަމަ 19 ޕަމްޕު ބޭނުންކުރާނެ ކަމަށް ވިދާޅުވި އެވެ. ހާލަތު އިތުރަށް ގޯސްވެއްޖެނަމަ 25 ޕަމްޕު ބޭނުންކުރާނެ ކަމަށް ޒުހުރީ ވިދާޅުވި އެވެ.
މާލެއަށް މިއަދު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގެއެއްގައި ފެންބޮޑުވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިރޭ ވާރޭނުވެހުނަސް ސިފައިން ތިބީ ގޭގެއަށް ފެން ވަދެދާނެ ކަމަށް ތައްޔާރުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެއަށް މިއަދު މެންދުރު ފަހު ބޯކޮށް ވާރޭވެހި މުޅި ސިޓީގައި ވަނީ ފެންބޮޑުވެފަ އެވެ. އެ ހާދިސާގައި ހާލުގައި ޖެހުނު ހަތަރު މީހުން ހިމެނޭ އާއިލާއަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ރައްޔިތުން ހާސްވާންޖެހޭ ވަރުގެ ކަމެއް ނެތް، ފެންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައި: އެމްއެންޑީއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ