ކްލެމެންސީ ބޯޑަށް ޕީޕީއެމްގެ މެމްބަރު ޖައުފަރު އައްޔަންި ކުރަން ހުށަހަޅައިފި

މައާފް ދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސަށް އިލްތިމާސް ހުށަހެޅުމުން، އެއިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލެވިފައިވާ ކްލެމެންސީ ބޯޑުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ މެމްބަރެއްގެ ގޮތުގައި އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު އައްޔަން ކުރުމަށް މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ކްލެމެންސީ ބޯޑަށް އައްޔަން ކުރުމަށް ޖައުފަރުގެ ނަން ހުށަހެޅުއްވީ ޕީޕީއެން އަށް ނިސްބަތްވާ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ.
ކްލެމެންސީ ބޯޑަކީ މައާފު ކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި ޝަރުއީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅެކެވެ.
ކްލެމެންސީ ބޯޑުގައި ކުރިން ހުންނެވި ތުލުސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އެ ބޯޑުން ވަކި ކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ ބޯޑުގެ މެމްބަރު ކަމުން ވައްޑެ އިއްޔެ ވަނީ ވަކި ކުރައްވައިފަ އެވެ. ވައްޑެ އެ ބޯޑުން ވަކި ކުރުމަށް މަޖިލީހަން ފާސް ކުރީ ޕީޕީއެމްގެ, ރައީސް މައުމޫން ފެކްޝަންއަށް ތާއިދުކޮށް ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ